ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދުއާއި އެ ކުންފުނީގެ އޭރުގެ އިސް މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ. 
މި ދައުވާތައް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުއްވީ މިއަދުއެވެ. 
ސަޢީދުގެ މައްޗަށް ދައުވާކޮށްފައިވަނީ 2018 އަހަރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަސައްކަތް ފުރިހަމަ ކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި މައްސަލާގައެވެ. އެ ކުންފުންޏަށް ނާޖާއިޒު މަންފާ ހޯދާއިދީފައިވާ ކަމަށް ސަޢިދުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ.  މިމައްސަލަ ތަހުޤީގުކުރުމަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ނިމި ދައުވާކޮށްދޭން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިހަފްތާގެ ތެރޭގައެވެ. 
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވަނީ ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި، އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށްކަމަށެވެ.
ސަޢީދު އަދި ދީނާގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މިކުށް ސާބިތުވެއްޖެނަމަ  އެ ދެމީހުންގެ މައްޗަށްވެސް 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމުގެ އަސާސީ އަދަބެއެއް އަންނާނެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ފެނަކައިގެ ކުރީގެ މެނޭޖްމަންޓުގެ މި އަމަލުގެ ސަބަބުން އެ ކުންފުންޏަށް 848,000 ރުފިޔާގެ ގެއްލުން ލިބިފައިވާކަން ސާބިތުވާކަމަށެވެ.