ޚަބަރު

މަސްތުވާތަކެއްޗާއެކު މާލެއިން 2 މީހަކު ފުލުހުންގެ ބެލުމުގެދަށަށް


މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއި ސެލޯފިންކޮޅުތަކަކާއެކު މާލެއިން މީހަކު ފުލުހުން ބެލުމުގެދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެމީހުންގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ސުވާލުކުރުމަށް ފުލުހުން ދިޔަވަގުތު 36 އަހަރުގެ މީހާ އެއްލާލި 2 ސިނގިރޭޓް ފޮށީގެ ތެރެއިން މަސްވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ޕެކެޓްތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ހުކުރުދުވަހުގެ ރޭ 22:00 ހާއިރު ނިރޮޅުމަގު ޝެރީ ސެލޫން ކައިރިންނެވެ.

މަސްތުވާތަކެތި ކަމަށްބެލެވޭ ތަކެތި ފެނިފައިވަނީ އެމީހުން އެއްލައިލި 2 ސިނގިރޭޓްފޮށި ބަލައި ފާސްކުރިއިރުއެވެ. އެގޮތުން، ސިނގިރޭޓް ފޮށީގެ ތެރެއިން 11 ރަބަރު ޕެކެޓް އަދި އަނެއް ސިނގިރޭޓް ފޮށީގެ ތެރެއިން 11 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ހައްޔަރުކުރި 36 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެވުނު 19 އަހަރުގެ މީހާ އިއްޔެ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.