ޚަބަރު

އޭޓީއެފް މޯލްޑިވްސް އޯޕަން: ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ ނަޔާރާ އާއި އާރާގެ ޕެއާއަށް


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އޭޝިއާގެ ޓެނިސް ރޭންކިން މުބާރާތެއް ކަމަށްވާ ދިރާގު އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަންގެ 16 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ ނަޔާރާ އުސާމާ އަލީ އާއި އާރާ އާސަލް އާޒިމްގެ ޕެއާއިން ހޯދައިފިއެވެ.

މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ނަޔާރާ އާއި އާރާގެ ޕެއާ ކާމިޔާބުކޮށްފައިވަނީ މިއަދު ހަވީރު ކުޅުނު މުބާރާތުގެ ޑަބަލްސް ފައިނަލުގައި ހޮން ކޮންގްގެ އައިޝަތު ކަރީން ސައިޒާން އާއި ހިއު ލަމް އެލާ ވޮންގްގެ ޕެއާ ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ، 6-3، 6-4 އިންނެވެ.

މިއީ ރާއްޖޭގެ ޓެނިހުގެ ތާރީހުގައި ބޮޑު ކާމިޔާބީއެކެވެ. މިއީ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރަށް ތަރައްގީކޮށް ހުޅުވި ޓެނިސް ކޯޓުގައި ބޭއްވި ފުރަތަމަ ބޮޑު މުބާރާތެވެ. އަދި އޭޝިއާގެ ޓެނިހުގެ ރޭންކިން މުބާރާތެވެ.

މީގެ އިތުރުން މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ރާއްޖޭގެ އާރާ އާސަލް އާޒިމް އެވެ. ޗެމްޕިއަންކަން އާރާ ހޯދީ މިއަދު ހެނދުނު ކުޅުނު މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ ނަޔާރާ އުސާމާ އާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު އާރާ ކާމިޔާބުކުރީ ނަޔާރާއަށް އެއްވެސް ފުރުސަތެއް ނުދީ 6-0 އިންނެވެ. ދެވަނަ ސެޓު ވާދަވެރިކޮށް ދިޔަ ނަމަވެސް މި ސެޓު އާރާ ވަނީ 6-4 އިން މި ސެޓު ކާމިޔާބުކޮށްފައެވެ.

ޖުމްލަ 30 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރި މި މުބާރާތުގައި ރާއްޖޭގެ 15 ކުޅުންތެރިން ހިމެނެއެވެ. މުބާރާތުގައި އޭޝިއާ ބައްރުގެ ކަޒަކިސްތާނާއި ޗައިނާއާއި އިންޑިއާގެ ކުޅުންތެރިން ހިމެނެވެ. މީގެ އިތުރުން އިންގްލަންޑް އާއި ބްރެޒިލްގެ ކުޅުންތެރިންވެސް ވާދަކުރިއެވެ.