ބްރޯޑްކާސްޓިން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވައިފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ނަންތައް ފޮނުއްވާފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު ހަމަވާތީއެވެ. މެންބަރުކަމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިސްކަންދެއްވާ ތަރުތީބުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ނަންތައް ފޮނުއްވާފައެވެ.
އެގޮތުން 12 ނަމެއް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ދެ ނަމެވެ. އެއީ އެ ކޮމިޝަނުގެ ނައިބު ރައީސް ޢަލީ ނަޝާތާއި، ކޮމިޝަންގެ މެންބަރު މުޙައްމަދު އާސިފް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު އެ މަގާމުތައް ހުސްކޮވެފައިވާތީއެވެ.
އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައިވަނީ މުޙައްމަދު ޒާހިދު އަދި އަބްދުއްރަހުމާން ސޮލާހު ރަޝީދުގެ ނަމެވެ.
މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވެވުމުން މަޖިލީހުން އެ ނަންތައް ފާސްކުރުމުންނެވެ.