ޚަބަރު

ފެންބޮޑުވެ މެލޭޝިޔާއާއި ތައިލެންޑުން މަރުވި މީހުންގެ އަދަދު 12އަށް


ތައިލެންޑާއި މެލޭޝިޔާގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 12އަށް އުފުލިއްޖެއެވެ. މޫސުމީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ މެލޭޝިޔާގެ އުތުރުގެ ސަރަހައްދުތަކާއި ތައިލެންޑުގެ ދެކުނަށެވެ. ދެ ޤައުމުގައި ވެސް ފެންބޮޑުވުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ގެދޮރުގައި ތާށިވެފައިވާއިރު، އެތަކެއް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ތައިލެންޑުގެ ދެކުނުގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު ވަނީ ނުވައަކަށް އުފުލިފައެވެ. އަދި، 534,000އަށްވުރެ ގިނަ ގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް 200އެއްހާ ވަގުތީ ހިޔާ ޤާއިމުކޮށްފައިވާއިރު، ގެދޮރުގައި ތާށިވެފައިވާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ތައިލެންޑުގެ ކަމާގުޅޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މޫސުމީ ވިއްސާރައާ ގުޅިގެން ތައިލެންޑުގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ސޮންގްކްލާ ޕްރޮވިންސުގެ ޗާނާ ޑިސްޓްރިކްޓުގައެވެ. މިއީ، ފާއިތުވި 50 ވަރަކަށް އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވާ އަހަރު ކަމުގައި އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުން ހާމަކުރިއެވެ. އެ އިދާރާތަކުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ، ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތްކޮށްގެން، ލޮރީތަކަށް އަރުވައިގެން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ މަންޒަރެވެ.

ތައިލެންޑާ އިންވެގެން އޮތް މެލޭޝިޔާގެ އުތުރުގައިވާ ގިނަ ސްޓޭޓްތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އެ ޤައުމުގެ ކާރިސާތަކާ ބެހޭ މަރުކަޒުން ބުނީ، ނުވަ ސްޓޭޓެއްގެ ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވެފައިވާ ކަމަށާއި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އަދި، ފެންބޮޑުވުމާ ގުޅިގެން 139,000އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަން ވެސް އެ އިދާރާއިން ހާމަކުރިއެވެ.

ތައިލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. އަދި، މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހޭނެ ކަމަށް އަންދާޒާ ކަމުގައެވެ. ހުސްވި ނޮވެންބަރު މަހު، އެ ސަރަޙައްދުގައި އޮތް ފިލިޕީންސަށް ވެސް ބާރުގަދަ އަދި ނުރައްކާތެރި ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.