ޚަބަރު

އެއަރޕޯޓް ޓެކުހާއި ފީއަށް ގެނައި ބަދަލަށް ޢަމަލުކުރަން ފަށައިފި


  • މި ބަދަލުތަކުން އިކޮނޮމީ ކްލާޙުގައި ދަތުރުކުރާ ދިވެހިންގެ އަތުން ނަގާ ފީއަށް ބަދަލެއް ނުގެނޭ

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓުން ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހަށް މިއަދުން ފެށިގެން ޢަމަލު ކުރަން ފަށައިފިއެވެ.

އެއަރޕޯޓުން ޓެކްސް އާއި ފީ ނެގުމުގެ ޤާނޫނަށް ގެނައި ބަދަލަށް ޢަމަލުކުރަން ފަށާފައިވާއިރު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގާނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ އަތުންނެވެ. ނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ބައިނަލްއަޤްވާމީ އެއާޕޯޓުތަކުން ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާނީ ހަމައެކަނި ޑިޕާޗަރ ޓެކުހެވެ.

ޓެކުހަށް ގެނައި ބަދަލުގެ ތެރޭގައި، ކުރިން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބޭރު މީހެއް އަތުން 30 ޑޮލަރު ނަގަމުން އައިސްފައިވާއިރު، ދެން އެމީހުންގެ އަތުން ނަގާނީ 50 ޑޮލަރެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ ފަސިންޖަރެއްގެ އަތުން މީގެކުރިން 50 ޑޮލަރު ނެގިނަމަވެސް، ދެން ނަގާނީ 120 ޑޮލަރެވެ. އަދި ފަސްޓް ކްލާހުގައި ދަތުރުކުރާ މީހެއްގެ އަތުން 90 ޑޮލަރު ނަގަމުން އައިނަމަވެސް، ދެން އެމީހުންގެ އަތުންނަގާނީ 240 ޑޮލަރެވެ. މީގެއިތުރުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރާ ކޮންމެ މީހެއްގެ އަތުން 120 ޑޮލަރު ނަގަމުން އައިނަމަވެސް، މީގެފަހުން ނަގާނީ 480 ޑޮލެވެ.

މި ރޭޓުތަކަށް ބަދަލު އައި ނަމަވެސް، އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހި ފަސިންޖަރުންގެ އަތުން ނަގަމުން އައި ފީއަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން 97.8 އިންސައްތަ ދިވެހިން ދަތުރުކުރީ އިކޮނޮމީ ކްލާހުގައެވެ. އަދި ރާއްޖެއައި ބިދޭސީންގެ 90.2 އިންސައްތަ ދަތުރުކުރީ އިކޮނޮމީ ކްލާހުންކަމަށް މީރާގެ ތަފާސް ހިސާބުތައް ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި މީރާއަށް 65.5 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި މިމުއްދަތަގައި ލިބިފައިވަނީ 64.1 މިލިޔަން ޑޮލަރެވެ.

ޓެކުހާއި ފީއަށް އަލަށް ގެނައި ބަދަލާއެކު 1.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެކަމަށް ވަނީ އިންދާޒާކޮށްފައެވެ.