ޚަބަރު

މާލެއާއި ވިލިމާލޭގެ މަގު ހެދުމުގެ މަޝްރޫޢު މިދައުރުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފި


  • މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި

  • މިއީ 100 މިލިއަން ޑޮލަރުގެ މަޝްރޫޢެއް

މާލެއާއި ވިލިމާލޭގެ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މި ދަޢުރުގެ ތެރޭގައި ނިންމޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޡީމް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ޕީއެސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު ޖެނުއަރީގައި ޗައިނާއަށް ކުރެއްވި ދަތުރުޅުގައި، އެ މަޝްރޫޢު ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދަން އެޤައުމުން ވަނީ އެހީ ދެއްވާފައެވެ. އަދި އެމަޝްރޫޢު ކުރިއަށްގެންދާނެ ކުންފުންޏެއް ކަނޑައަޅައި އެކަމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.

މި މަޝްރޫޢަށް ޗައިނާގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް މިހާރު ވަނީ ސަރވޭއާއި ގުޅޭ މަސައްކަތްތައް ނިންމާފައެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޡީމް ވިދާޅުވީ އެ ޓީމުން މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީއާއި ސަރވޭގެ މަސައްކަތްތައް މިހާރު ނިންމާފައިވާކަމަށެވެ. އަދި ސަރވޭއަށް ބިނާކޮށް، މަގުތައް ތަރައްޤީކުރުމަށް އެ ޓީމުން ހުށައަޅާ ހުށައެޅުންތަކާއި ކުރެހުންތައް ވުޒާއަށް ހުށައަޅަން ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށެވެ. އެ މަސައްކަތްތައް ކުރަނީ ޗާއިނާގެ ކުންފުނީގެ އިތުރުން އިމާރާތްކުރުމާ ބެހޭ ވުޒާރާގެ އިންޖިއަރިންގ ޓީމްވެސް ހިމެނޭ ގޮތަށެވެ.

"މިހާރު މިއޮތީ މަސައްކަތް ބާރަށް ފެށިފައި. ސަވޭއަށް ބިނާކޮށް އެ ޓީމުން ހުށައަޅާ ރިޕޯޓާއި ކުރެހުންތަކަށް ވުޒާރާއިން ބެލުމަށްފަހު ޑީޓެއިލް ކުރެހުންތަކުގެ މަސައްކަތް ކުރާނީ. މި ދަޢުރުތެރޭ މާލެ ވިލިމާލޭގެ ހުރިހާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުގެ ޓަރގެޓަށް ވާސިލް ވެވޭނެކަމުގެ ވަރަށް ޔަގީންކަން އޮބައޮތް" ނަޡީމް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޡީމް ވިދާޅުވީ މި މަޝްރޫޢުއާއެކެ، މާލޭގައި ފެންބޮޑުވާ މައްސަލައަށްވެސް ދާއިމީ ޙައްލު ލިބޭނެކަމަށެވެ.

އަދި މީގެއިތުރުން މާލޭގެ މަގުތަކުގައި އަޑީގައި އޮތް ޔުޓިލިޓީ ވިއުގަވެސް ރަނގަޅުކުރާނެކަމަށެވެ. ނަޡީމް ވިދާޅުވީ ސަރވޭގެ މަސައްކަތްތައް ކުރިއަށްގެންދިޔައިރު މާލެ ސިޓީ ކައުންސިލް އަދި މާލޭގައި ފެނާ ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނީގެ އިތުރުން މުވާސަލާތީ ޚިދުމަތްތައް ދޭ ހުރިހާ ކުންފުނިތަކާއެކުވެސް ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އެމީހުންގެ ކަންބޮޑުވުންތައް ހުށައެޅުމަށް ފުރުޞަތު ދީފައިވާކަމަށެވެ.

"މިހާރު މާލޭގެ މަގުތަކުގެ އަޑި އޮތްގޮތުން ނެތް، ޔުޓިލިޓީ އަދި މުވާސަލާތީ ޚިދުމަތްތަކަށް ޒަމާނި ބަދަލުތައް ފަސޭހައިން ގެނެވޭކަށް. އެހެންވީމަ މަގު ހަދާއިރު އެބަ ފުރުޞަތުދެން ޔުޓިލިޓީ ކުންފުނިތަކުން، އެމީހުންގެ ވިއުގައަށް ގެންނަން ބޭނުންވާ ބަދަލުތައްވެސް ގެނައުމަށް. އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޡީމް ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފަވަނީ ޗައިނާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެދަށުންނެވެ. ސަރުކާރުގެ ޢަމާޒަކީ މިކަމުގެ ޢަމަލީ މަސައްކަތް މިފެށޭ 2025ވަނަ އަހަރުގެ ތެރޭގައި ފެށުމެވެ.