ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ރޭ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިވަޕޫލުން ނަގައިފިއެވެ.
މި މެޗު ކާމިޔާބުކުރުމާއެކު ލިވަޕޫލަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުންވެސް މޮޅުވެ 15 ޕޮއިންޓާއެކު އެއްވަނަ މަގާމް ހޯދާފަ އެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ފަސް މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމު އޮތީ 36 ޓީމު ވާދަކުރާ ލީގުގެ 24 ވަނައިގަ އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ޑޮމިނޭޓްކޮށްގެން މޮޅަށް ކުޅެފައިވަނީ ލިވަޕޫލް އިންނެވެ. މިއީ ރެއާލް މެޑްރިޑާއި ދެކޮޅަށް ލިވަޕޫލް އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މި ދެ ޓީމު ދެ ފަހަރު ބައްދަލުކޮށްފައިވާއިރު އެ ދެ މެޗުވެސް ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑް އެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފު ފެނިގެންގޮސްފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ. ދެވަނަ ފާހުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ލިވަޕޫލްގެ އާޖެންޓީނާ މިޑްފީލްޑަރ އެލެކްސިސް މެކަލިސްޓަރ ވަނީ ލަނޑެއް ކާމިޔާބުކޮށް ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ.
އޭގެ ނުވަ މިނިޓު ފަހުން ލިވަޕޫލްގެ އޭރިޔާ ތެރެއިން ލޫކަސް ވަޒްކޭޒް އަށް އެންޑީ ރޮބަޓްސަން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ދީފަ އެވެ. ނަމަވެސް ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ކެލެހާ ވަނީ ދިފާއުކޮށްފަ އެވެ. މި މެޗުގެ 70 ވަނަ މިނިޓުގައި ލިވަޕޫލްއަށްވެސް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް މުހައްމަދު ސަލާ ފޮނުވާލި ޕެނަލްޓީ ވަނީ ގޯލަށް އަމާޒުވާގޮތް ނުވެފަ އެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޯޑީ ގެކްޕޯ އެވެ.