ޚަބަރު

މެލޭޝިޔާގައި ދިވެހިންނަށް މަތީތައުލީމު ޙާސިލުކުރެވެންހުރި އިތުރު ފުރުޞަތުތައް ދެނެގަންނަނީ


  • މަތީ ތަޢުލީމާބެހޭ ވުޒާރާގެ އިސްވެރިންތަކެއް ދަނީ މެލޭޝިޔާއަށް ދަތުރުފުޅެއްކުރަމުން

މެލޭޝިޔާގައި ދިވެހިންނަށް މަތީތައުލީމު ޙާސިލުކުރެވެންހުރި އިތުރު ފުރުޞަތުތައް ދެނެގަތުމުގެ މަސައްކަތްކުރަމުން ގެންދާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާގެ އިސްވެރިންތަކެއް މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭގޮތުން އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރަޙީމް ޙަސަން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

ސްޓޭޓް މިނިސްޓަރ ޢަބްދުއްރަޙީމް ޙަސަން ވިދާޅުވީ މެލޭޝިޔާއަށް ކުރަމުންދާ ދަތުރުގެ ތެރެއިން މެލޭޝިޔާގެ ޔުނިވަރސިޓީތަކަށް ޒިޔާރަތްކޮށް އެތަންތަނުގައިހުރި ފުރުޞަތުތަކާ ބެހޭގޮތުން މަޢުލޫމާތު އެއްކުރެވޭނެ ކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި މަތީ ތަޢުލީމަށް ދިވެހިންނަށް ކިޔެވުމުގެ ފުރުޞަތު ފަހިކުރުމަށް މި ދަތުރުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މެލޭޝިޔާއަށްކުރާ ދަތުރުގެ ތެރެއިން، ދިވެހިން އެންމެ ގިނައިން ތަޢުލީމް ޙާސިލްކުރާ ޔުނިވަރސިޓީތަކަށްވެސް ޒިޔާރަތްކުރާނެ ކަމަށެވެ. އަދި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމުގެ ފުރުޞަތުތައް ފަހިކޮށްދޭ ފަރާތްތައް ބައިވެރިވާ "އައިޑިއާސް ފެއަރ"ގައި ބައިވެރިވާނެކަމަށްވެސް ޢަބްދުއްރަޙީމް ޙަސަން ވިދާޅުވިއެވެ.

"ފެއަރގެ ތެރެއިން އެކި ފަރާތްތަކާ ބައްދަލުކޮށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމުގެ ދާއިރާއިން ދިވެހިންނަށް ފުރުޞަތުތައް ފަހިކުރުމަށް މަޝްވަރާކުރެވޭނެ" ސްޓޭޓް މިނިސްޓަރ ޢަބްދުއްރަޙީމް ޙަސަން ވިދާޅުވިއެވެ.

މަތީ ތަޢުލީމާބެހޭ ވުޒާރާގެ އިސް ފަރާތްތަކެއް މެލޭޝިޔާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެޑިޔުކޭޝަން މެލޭޝިޔާ ގްލޯބަލް ސަރވިސަސް، އީއެމްޖީއެސްގެ ދަޢުވަތަކަށް ކުރާ ދަތުރުފުޅެކެވެ. އީއެމްޖީއެސްއަކީ މެލޭޝިޔާގައި މަތީ ތަޢުލީމު ޙާސިލްކުރަމުންދާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ކަންކަން ބަލަހައްޓާ ދައުލަތުގެ އިދާރާއެކެވެ.

މެލޭޝިޔާއަކީ މިހާރުވެސް ގިނަ އަަދަދެއްގެ ދިވެހިން މަތީ ތަޢުލީމު ހާސިލްކުރަމުންދާ ޤައުމެކެވެ.