މި ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކައުންސިލްތަކާއެކު 280 ބައްދަލުވުމެއް ބާއްވައި، ކަންބޮޑުވުންތައް އަޑު އަހައިފާވަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިދާރީ ދާއިރާތައް ހިންގުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ބޭއްވި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ކައުންސިލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެވުޒާރާއިން ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އެގޮތުން ރާއްޖޭޣެ ގިނަ ކައުންސިލްތަކަކާއެކު ގިނަ ބައްދަލުވުންތަކެއް ބޭއްވިކަމަށާއި، ކައުންސިލްތަކުގެ ޙަލަތު ދެނެގަނެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރެވުނު މަސައްކަތްތަކުން ބައުވެފައިވާ ކައުންސިލް ޢިމާރާތްތައް ގިނަ ޢަދަދަކަށް ހުރިކަން ދެނެގަނެވުނުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކައުންސިލްތަކުގެ އައު ޢިމާރާތްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރެވޭނެކަމަށެވެ.
ވަޒީރު ވިދާޅުވީ ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއެހުމަށް އެވުޒާރާއިން ކައުންސިލްތަކާއެކު 280 އަށްވުރެ ގިނަ ބައްދަލުވުން ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ބާއްވާފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުން ފާހަގަކުރާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތްކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ވަނީ މުޅި ރާއްޖެ ކަވަރު ކުރެވޭނެ ގޮތަށް ކްލަސްޓަރ ނިޒާމެއް ޤާއިމްކޮށްފައި. މިގޮތުން 7 ސަރަހައްދެއްގައި ވުޒާރާގެ ފަރާތުން އެގްޒެކެޓިވް މީހަކާއި ކޯޑިނޭޓަރެއް ހުންނާނެ. މިއީ އަތޮޅުތަކާ ގާތުން މަސައްކަތްކުރުމަށް ޤާއިމްކޮށްފައިވާ ނިޒާމެއް." ވަޒީރު ވިދާޅުވިއެވެ.
އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ފަށާފައިވާ މަސައްކަތު ބައްދަލުވުމުގައި ކުރިއަށްއޮތް އަހަރު ވުޒާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރާނެކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހާ، ވުޒާރާގެ މަސައްކަތްތައް ތަރުތީބުވެފައިވާގޮތް އިޞްލާޙުކުރުމަށާއި އުޞޫލްތައް އިސްލާޙުކުރުމަށް މަސައްކަތު ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރާނެކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.