ޚަބަރު

ފެޔަނޫޑާ ދެކޮޅަށް ނުކުންނައިރު ކުޅުމުގެ ސްޓައިލް ބަދަލު ނުކުރާނެ: ގާޑިއޯލާ


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ފެޔަނޫޑާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓާ ސިޓީގެ ކުޅުމުގެ ސްޓައިލަށް ބަދަލެއް ނުގެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާއަށް އަމާޒުކުރެވުނު ސުވާލުތަކެއް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި މެޗަކުން ނުވަތަ މެޗުތަކަކުން ބަލިނުވާ ޓީމެއް ނެތް ކަމަށާއި، އެހެންކަމުން ސިޓީ ޖެހިޖެހިގެން 5 މެޗުން ބަލިވި ނަމަވެސް އެޓީމުގެ ކުޅުމުގެ ސްޓައިލް ބަދަލުކުރަން ނުވިސްނާ ކަމަށެވެ.

އަދި ފެޔަނޫޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ކުޅުންތެރިންގެ ފަރާތުން އިތުރު ހިތްވަރެއް ބޭނުންވާ ކަމަށާއި، ސިޓީއަށް މިހާރު ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަނެވޭނެ ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ.

2006 ވަނަ އަހަރަށްފަހު ސިޓީ ވަނީ ޖެހިޖެހިގެން ފުރަތަމަ ފަހަރަށް ފަސް މެޗުން ބަލިވެފައެވެ. އަދި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު 52 މެޗަށްފަހު ވަނީ މި ހަފްތާގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން ބަލިވުމާއެކު ނިމުމަކަށް އައިސްފައެވެ.

މީގެ އިތުރުން ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވި ފަހުން މިއީ އިނގިރޭސި ޕްރިމިއަރ ލީގުގެ ތިން މެޗުގައި ޖެހިޖެހިގެން ސިޓީ ބަލިވި ފުރަތަމަ ފަހަރުވެސްމެއެވެ. އަދި ގާޑިއޯލާގެ ކޯޗިން ހަޔާތުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން 4 ލަނޑުގެ ތަފާތުން މީގެ ކުރިން ބަލިވެފައެއް ނުވެއެވެ.

މިދިޔަ ސީޒަނުގައި ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީގެ ކޯޗު ގާޑިއޯލާ ބުނެފައިވަނީ މެޗަކުން ނުވަތަ މެޗުތަކަކުން ބަލިވާއިރަށް ކަންތައްތައް ބަދަލުކުރުމުގެ ބަދަލުގައި، ހަމަޖެހިގެން އެކަމަށް ތައްޔާރުވެ ހެދުނު ގޯސްތައް ބަލާ އެކަން ރަނގަޅު ކުރުމަކީ އެންމެ މުހިންމުކަން ކަމަށެވެ.

ގާޑިއޯލާ އިތުރަށް ބުނެފައިވަނީ މިރޭގެ މެޗުން މޮޅުވެއްޖެނަމަ މި ހުރިހާ ވާހަކަތަކަށްވެސް ނިމުމެއް އަންނާނެ ކަމަށާއި، އަދި ބަލިވެއްޖެނަމަ އާދިއްތަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން މަސައްކަތްކުރާނެ ކަމަށެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިދިޔަ އަށް ސީޒަނުގައި ސިޓީން ވަނީ 18 މުބާރާތް ކާމިޔާބުކޮށްފައެވެ.