ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު އަހްމަދު މަޤާމުން ވަކިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު މަޤާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލް ކުރުމުގެ މައްސަލައަކީ ދައުލަތާއި ދެކޮޅަށް ކުރާ ދައުވާއެއްކަމަށްވުމުން، ރާޣިބުއަށް މައްސަލަ ހުށަހެޅުމުގެ ކުރިން ނަސޭހަތްތެރިވި ކަމަށެވެ.
ނިމިދިޔަ ސަރުކާރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ތާއީދު ހޯދުމަށް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށްނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ޤާނޫނަށް އިޞްލާހު ގެނެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ އަލުން ދެއްވާފައެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރެއްވީ މިއަހަރުގެ މާރޗް މަހުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ.