ޚަބަރު

އޭސީސީއާއި އީސީގެ ނައިބު ރައީސުންނާއި، ބައެއް މެންބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި


  • އޭސީސީން ވަކި ކުރުމަށް ނިންމާފައިވަނީ ނައިބު ރައީސާއި އިތުރު މެންބަރެއް

  • އީސީން ވަކި ކުރުމަށް ނިންމާފައިވަނީ ނައިބު ރައީސާއި އިތުރު 2 މެންބަރުން

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. ބައެއް މިނިވަން މުއައްސަސާތަކުގެ މެންބަރުންނާގުޅޭ ޝަކުވާތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުސައެޅުމާއި ގުޅިގެން އެ މައްސަލަ ކޮމިޓީން ވަނީ ބަލައިގަނެ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މެންބަރުކަމުގެ މަޤާމުން ވަކިކުރުމަށް ކޮމިޓީއަށް ހުށައަޅާފައިވަނީ މިނިވަން ތިން ކޮމިޝަނެއްގެ މެންބަރުންނެވެ. އޭގެތެރޭގައި ހިމެނެނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ޠާހާ މުޙައްމަދެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޢަލީ ނަޝާތާއި މެންބަރު މުޙައްމަދު އާސިފް އަދި ޑރ. މުޙައްމަދު ޒާހިރުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަޙްމަދު ނާސިޙްވެސް މަޤާމުން ވަކިކުރުމަށް ކޮމިޓީއަށް ހުށައެޅިއެވެ.

ނަމަވެސް ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ފާސްކުރީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ފިޔަވައި އެހެން ހުރިހައި މެންބަރުން މަޤާމުން ވަކިކުރުމަށެވެ. ނާސިޙް މަޤާމުން ވަކިނުކުރުމަށް ނިންމި ސަބަބެއް ސާފެއް ނުވެއެވެ.

އޭސީސީގެ ނައިބު ރައީސާއި މެންބަރެއް އަދި އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސާއި ދެ މެންބަރުން މަޤާމުން ވަކިކުރުމަށް ނިންމީ އެ ކޮމިޝަންތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް ބައެއް މެންބަރުން އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީއާއި ކޮމިޝަންތަކުގެ މަސްއޫލިއްޔަތުތަކާ ޚިލާފަށް އޭގެ ތެރެއިން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވާތީ ކުރެވޭ ތުހުމަތުމަތުތަކާއި ގުޅިގެންނެވެ. އެގޮތުން އެ ކޮމިޝަންތަކުގެ ވާޖިބުތައް އަދާކުރުމުގައި ބިރަކަށް ނުވަތަ ނުފޫޒަކަށް ލެނބިގެން ނުވާނެކަމަށާއި، އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި އަމިއްލަ މަސްލަހަތެއް އިސް ކޮށްގެން ނުވާނެ ކަމަށް ޤާނޫނުގައި ބުނެފައިވީނަމަވެސް އެކަންކަމާ އެ މެންބަރުން ޚިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އަމީން އާންމު މީގެ ކުރިން އިއްވެވި ސިޓީގައި ވިދާޅުވެފައިވެއެވެ.

މިނިވަން ދެ މުއައްސަސާއެއްގެ ބައެއް މެންބަރުން މަޤާމުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު، އެ މެންބަރުން ކޮމިޝަންތަކުން ވަކިވާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ކޮމިޓީ ރިޕޯޓު ހުށައަޅައި، ފާސްކުރުމުންނެވެ.