މިހާރު ކުރިއަށްދާ ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީން ހޯދައިފިއެވެ.
އިޓަލީ އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މިދިޔަ އަހަރުގެ ފައިނަލުގައިވެސް އިޓަލީ ބަލިކުރި އޮސްޓްރޭލިއާ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މިދިޔަ އަހަރުގެ މުބާރާތް ވެސް އިޓަލީ އިން ކާމިޔާބުކޮށްފައިވަނީ ހަމަ މި ނަތީޖާ އިން އޮސްޓްރޭލިއާ ބަލިކުރުމަށްފަހުގަ އެވެ.
ސެމީ ފައިނަލުގެ ސިންގަލްސް ފުރަތަމަ މެޗުގައި އޮސްޓްރޭލިއާގެ އެލެކްސް ޑިމިނޯ އާއި ދެކޮޅަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ޔަނިކް ސިނާ ކުޅުނު މެޗު އޭނާ ވަނީ ހައެއް ތިނެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.
އަދި ދެވަނަ ސިންގަލްސް މެޗުގައި ތަނާސީ ކޮކިނާކިސް އާއި ދެކޮޅަށް މަޓިއޯ ބެރެންޓީނީ ކުޅުނު މެޗުގެ ފުރަތަމަ ސެޓުން އޭނާ ބަލިވި ނަމަވެސް ފަހު ދެ ސެޓު ކާމިޔާބުކޮށް އޭނާ ވަނީ މެޗުން މޮޅުވެފަ އެވެ. މި މެޗުގެ ސެޓުތައް ނިމިފައިވަނީ ހައެއް ހަތެއް, ހައެއް ތިނެއް އަދި ހަތެއް ފަހެއް އެވެ.
މި މުބާރާތުގެ ފައިނަލުގައި އިޓަލީ އާއި ދެކޮޅަށް ނިކުންނަ ނެދަލޭންޑްސް އިން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ ޖަރުމަން ބަލިކުރުމަށްފަހުގަ އެވެ.