ޚަބަރު

ފޮރެސްޓް ބަލިކޮށް އާސެނަލްގެ މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 0-3 ގެ ނަތީޖާއަކުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، އާސެނަލުން މޮޅުނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފިއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އާސެނަލް މޮޅުވި ފުރަތަމަ ފަހަރެވެ. އޭގެތެރެއިން ދެ މެޗުން ބަލިވިއިރު، އަނެއް ދެ މެޗުން ވީ އެއްވަރެވެ. އަދި މިއީ އާސެނަލްގެ ކޯޗުކަމުގައި މިކޭލް އާޓޭޓާގެ 250 ވަނަ މެޗު ވެސް މެއެވެ.

އާސެނަލުން މި މެޗަށް ނިކުތްއިރު އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުންއަންނަ ކުޅުންތެރިން ކަމަށްވާ، ޑެކްލަން ރައިސް އާއި ތޯމަސް ޕާޓޭގެ އިތުރުން ކައި ހަވާޓްޒް އަދި ގެބްރިއެލް މާޓިނެލީ އިނީ ބެންޗުގައެވެ. މީގެތެރެއިން، ޕާޓޭ ވަނީ ފަހު ހާފުގެ ކުރީކޮޅު ކުޅެން ނިކުމެފައެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން 15 ވަނަ މިނެޓުގައި އާސެނަލުން ލީޑްނެގީ މާޓިން އޮޑެގާޑް ދިން ޕާހެއްގެ އެހީގައި ޕެނަލްޓީއޭރިޔާ ތެރެއިން ބުކާޔޯ ސަކާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ.

އޭގެކުރީން، މެޗު ފެށިތާ ފަސް މިނެޓުގެ ތެރޭގައި އާސެނަލުން ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ، އާސެނަލްގެ ޑިފެންޑަރު، ޔޫރިއަން ޓިމްބާ އެ ބޯޅަ ފޮނުވާލުމުގެ ކުރީން އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، މިކޭލް މެރީނޯ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

ފުރަތަމަ ހާފު ނިމުމުގެކުރީން، އާސެނަލްގެ ލީޑް ފުޅާކޮށްދޭން ސަކާ އާއި ލެއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާތައް ފޮރެސްޓްގެ ގޯލްކީޕަރު، މެޓްޒް ސެލްސް މަތަކުރިއެވެ.

މި މެޗުގައި އާސެނަލުން ޖެހި ދެވަނަ ލަނޑު، 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް އެ ޓީމުގެ ގާނާ މިޑްފީލްޑަރު، ޕާޓޭ އެވެ. މިއީ ސަކާ ދިން ޕާހަކުން ޕާޓޭ ކާމިޔާބުކޮށްދިން ގޯލެކެވެ. ޕާޓޭ ކުޅެން ނިކުތީ ޖޯޖީނިއޯގެ ބަދަލުގައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ފޮރެސްޓްގެ ވިންގް، ޖޮޓާ އަށް ލަނޑެއްޖަހައިދޭން ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ދިޔައީ އެ ޓީމުގެ ފޯވާޑް، ކްރިސް ވޫޑް ކައިރިންނެވެ.

މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، އާސެނަލްގެ ތިންވަނަ ލަނޑުޖަހައިދިނީ ފަހު ހާފުގައި ކުޅެން ނިކުތް ޒުވާން މިޑްފީލްޑަރު، އީތަން ވަނޭރީ އެވެ. މިއީ އުމުރުން 17 އަހަރުގެ ވަނޭރީ، ލީގުގައި އާސެނަލަށް ޖަހައިދިން ފުރަތަމަ ގޯލެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ފަހު ހާފުގައި ކުޅެން ނިކުތް ރަހީމް ސްޓާލިން އެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި ފޮރެސްޓްގެ ޖޮޓާ ގޯލެއް ކާމިޔާބުކޮށްދިންނަމަވެސް، ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ، އެ ބޯޅަ ފޮނުވާލުމުގެ ކުރީން އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

މި ނަތީޖާއާއެކު އާސެނަލް އަދިވެސް އުޅެނީ ތާވަލްގެ ހަތަރުވަނައިގައެވެ. އެންމެ ކުރީގައި އުޅޭ ލިވަޕޫލަށް 11 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 11 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ތިނެއްގައި ޗެލްސީ އޮތްއިރު، ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ޖެހިގޯލްގެ ތަފާތުން ހަތަރުވަނައިގައި އޮތީ އާސެނަލެވެ.

ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި، އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ 2-2 އިން އެސްޓަން ވިލާ ވަނީ އެއްވަރުވެފައެވެ. މި މެޗު ފެށިތާ ކުރީކޮޅު، އިސްމާއިލާ ސާރގެ ލަނޑުން ޕެލަސް ލީޑްނެގިއެވެ. ވިލާ އަށް އެއްވަރުކޮށްދިނީ 36 ވަނަ މިނެޓުގައި އޮލީ ވަޓްކިންސް އެވެ.

އޭގެފަހުން، ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ވިލާ އަށް ލިބުނު ޕެނަލްޓީއަކުން ޔޫރީ ޓިލަމެންސް އަށް ލީޑްނަގައިދޭން ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ. މި ހާފުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ޕެލަސް އިން އަލުން ލީޑްނެގީ ސާރ ދިން ބޯޅައަކުން ޖަސްޓިން ޑެވެނީ އެވެ.

ވިލާ އިން ދެވަނަ ފަހަރަށް އެއްވަރުކުރީ 77 ވަނަ މިނެޓުގައި ރޮސް ބާކްލޭ އެވެ. އޭނާ މި ލަނޑުޖެހީ ޓިލަމެންސް ނަގައިދިން ކޯނަރެއްގެ އެހީގައި ލިބުނު ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މުބާރާތުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފުލަމްގެ ދަނޑުގައި 1-4 އިން ވުލްވްސް ވަނީ މޮޅުވެފައެވެ. އެވަޓަންގެ ދަނޑުގައި އެ ޓީމުން ވަނީ ފަހު ހާފު އެއްކޮށް އެއްކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބްރެންޓްފޯޑާ ލަނޑެއްނުޖެހި އެއްވަރުވެފައެވެ.