ޚަބަރު

އުތުރު ކޮރެޔާގެ މިނިވަންކަން ދިފާޢު ކުރަން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި


އުތުރު ކޮރެޔާ (ޑީޕީއާރްކޭ)ގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ދުޝްމަނު ޤައުމުތަކުން ކޮށްފި ނަމަ، މިނިވަން ކަން ދިފާޢު ކުރަން ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެ ޤައުމުން އިންޒާރު ދީފިއެވެ. އުތުރު ކޮރެޔާއިން މި މޭރުމުން އިންޒާރު ދީފައި މި ވަނީ، އެމެރިކާއިން އިސްވެ، ދެކުނު ކޮރެޔާއާއި ޖަޕާނާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ބޭއްވުމާ ގުޅިގެންނެވެ.

'ފްރީޑަމް އެޖް'ގެ ނަމުގައި އެމެރިކާއާއި ދެކުނު ކޮރެޔާ އަދި ޖަޕާން ގުޅިގެން ތިން ދުވަހަށް ދެމިގެން ދިޔަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައި ވަނީ ހުސްވި ހަފުތާގައެވެ. އެ ތަމްރީނުތަކުގައި ތިން ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުތައް ބައިވެރިވިއެވެ. އަދި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖޯޖް ވޮޝިންގޓަނާއި، އެ މަނަވަރާ އެކު ދަތުރު ކުރާ ސްޓްރައިކް ގުރޫޕުގެ މަނަވަރުތަކާއި ސަބްމެރިން ބައިވެރިވިއެވެ. އުތުރު ކޮރެޔާއިން ވަނީ އެ ތަމްރީނުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

"އެމެރިކާއާއި އެ ޤައުމުގެ އެކުވެރިން ޑީޕީއާރްކޭއާ ދެކޮޅަށާއި، މަސްރަޙު އިތުރަށް ހޫނު ކުރުމުގެ މަޤުޞަދުގައި ހިންގާ މި ފަދަ އަމަލުތަކާއި، ކޮރެޔާ ޕެނިންސިޔުލާގައި އަސްކަރީ ކުރިމަތިލުމަކަށް ފުރުޞަތު ދޭ ފަދަ އަމަލުތައް ހިންގުމާ ދެކޮޅަށް ވަރުގަދަ އިންޒާރެއް ދެން،" އެމެރިކާގެ އަމަލުތައް ކުށްވެރި ކުރަމުން ޑީޕީއާރްކޭގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

އުތުރު ކޮރެޔާގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލު ހިމާޔަތް ކުރުމަށް އަސްކަރިއްޔާއިން ތައްޔާރީ ހާލަތެއްގައި އޮންނާނެ ކަމަށާއި، އެ ކަން ކާމިޔާބު ކުރުމަށް ބޭނުންވާނެ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ ކަމަށް ބުނެ ވެސް، ޑީޕީއާރްކޭން ވަނީ އިންޒާރު ދީފައެވެ. އެމެރިކާއާއި އެ ޤައުމުގެ އެކުވެރިން ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާނެ ކަމުގައި ޑީޕީއާރްކޭގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފައިވާ ކަމުގައި އެ ޤައުމުގެ ދައުލަތުގެ މީޑިޔާ، ކޭސީއެންއޭން ވެސް ބުންޏެވެ.

އެމެރިކާއާއި ދެކުނު ކޮރެޔާ އަދި ޖަޕާން ގުޅިގެން ހިންގާފައިވާ އަސްކަރީ ތަމްރީނުތަކާ ދެކޮޅަށް ޑީޕީއާރްކޭން ބަސްބުނެފައި މި ވަނީ، ރަޝިޔާއިން ޑީޕީއާރްކޭއަށް ނުރައްކާތެރި ހަތިޔާރާއި އަސްކަރީ ޓެކްނޮލޮޖީީގެ ސާމާނު ފޯރުކޮށްދެމުންދާ ކަމަށް ދެކުނު ކޮރެޔާއިން ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދެކުނު ކޮރެޔާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޝިން ވޮން-ޝިގް ވިދާޅުވީ، ރަޝިޔާއިން ޑީޕީއާރްކޭއަށް ގިނަ އަދަދެއްގެ މިސައިލް ފޯރުކޮށްދެމުންދާ ކަމުގައެވެ. އަދި، އޭގެ ތެރޭގައި މަތިންދާބޯޓުތައް ފަދަ ވައިގެ އަމާޒުތަކާ ދެކޮޅަށް ބޭނުން ކުރާނެ މިސައިލާއި ވައިގެ ދިފާޢީ ނިޒާމަށް ބޭނުންވާ ހަތިޔާރު ހިމެނޭ ކަމުގައެވެ.

އެމެރިކާއާއި އެ ޤައުމުގެ އެކުވެރިން ކަމުގައިވާ ދެކުނު ކޮރެޔާއާއި ޖަޕާނާ ދެމެދު އުތުރު ކޮރެޔާއިން ނުރުހުން ފާޅު ކޮށްފައި މި ވަނީ، ޑީޕީއާރްކޭގެ ގިނަ އަދަދެއްގެ ސިފައިން ރަޝިޔާގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމެރިކާއާއި ހުޅަނގުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޑީޕީއާރްކޭގެ 10,000އަށްވުރެ ގިނަ ސިފައިން ރަޝިޔާގައި ތިބި ކަމުގައި ދެކުނު ކޮރެޔާގެ އިތުރުން އެމެރިކާއާއި، ޔޫކްރެއިން އަދި ވިލާތުގެ ޤައުމުތަކުން ދަނީ ބުނަމުންނެވެ. އަދި، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ބޮޑު ހަނގުރާމައެއް ފަށާފައިވާ މި ދަނޑިވަޅުގައި، އެ ޤައުމުތަކުން ދަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު އަސްކަރީ އަދި ދިފާޢީ ގުޅުންތައް ހަރުދަނާ ކުރުމަށް ދާދި ފަހުން އެއްބަސްވުމެއް ސޮއިކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ހަތަރުވަނަ މާއްދާގައި ބުނެފައި ވަނީ, ރަޝިޔާ ނުވަތަ އުތުރު ކޮރެޔާއާ ދެކޮޅަށް އެއްވެސް ޤައުމަކުން, ނުވަތަ ޤައުމުތަކަކުން, ޙަމަލާދީފި ނަމަ, ނުވަތަ ހަނގުރާމަ ފަށައިފިނަމަ, އުތުރު ކޮރެޔާއާއި ރަޝިޔާއިން އެއް ޤައުމުން އަނެއް ޤައުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވާ ކަމުގައެވެ. މިއީ ހުޅަނގުގެ ބާރުތަކަށް، ޚާއްޞަކޮށް އެމެރިކާއަށް، ހަޖަމު ކުރެވޭ ގުޅުމެއް ނޫނެވެ.

ރަޝިޔާގައި އުތުރު ކޮރެޔާގެ ސިފައިން ތިބުމަކީ ވެސް ދެކުނު ކޮރެޔާގެ އިތުރުން އެމެރިކާއާއި ވިލާތުގެ އިއްތިހާދު (އީޔޫ) އަދި ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ން ކަންބޮޑުވާ މައްސަލައެކެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ދަށުން އޮގަސްޓު 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ވަނީ ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް އަރައި، އެ ސަރަޙައްދުގެ ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރަން ފަށާފައެވެ. ދެކުނު ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވީ، އެ ސަރަޙައްދުގައި ޑީޕީއާރްކޭގެ 10,900އެއްހާ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، ޑީޕީއާރްކޭގެ ސިފައިން ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކަމަށް ވެސް އެ ބޭފުޅުން ތުހުމަތު ކުރައްވައެވެ.