ޚަބަރު

ކޭންގެ ހެޓްރިކާއެކު ބުންޑެސްލީގާގައި 50 ލަނޑު އެންމެ އަވަހަށް ޖެހި ކުޅުންތެރިޔާއަށް


ޖަރުމަނުގެ ބުންޑެސްލީގާ ގައި ރޭ އޮގްސްބަރގް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގައި ހެރީ ކޭން ހެދި ހެޓްރިކާއެކު 3-0 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ހެރީ ކޭން ހެދި ހެޓްރިކާއެކު އޭނާ ވެފައިވަނީ ބުންޑެސްލީގާގެ ތާރީޚުގައިވެސް އެންމެ އަވަހަށް 50 ގޯލު ހަމަކުރި ކުޅުންތެރިޔާއަށް ވެފަ އެވެ. ހެރީ ކޭން 50 ލަނޑު ހަމަކޮށްފައިވަނީ 43 މެޗުންނެވެ. މީގެ ކުރިން އެންމެ އަވަހަށް ބުންޑެސްލީގާގައި 50 ގޯލު ޖަހާފައިވަނީ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުރިން ކުޅުން އާލިން ހާލަންޑް އެވެ. އޭނާ 50 ލަނޑު ޖަހާފައިވަނީ 50 މެޗުންނެވެ.

މި ސީޒަނުގެ ބުންޑެސްލީގާގައި ބަޔާން މިއުނިކަށް ހެރީ ކޭން ކުޅުނު 11 މެޗުގައި އޭނާ ވަނީ 14 ލަނޑު ޖަހާފަ އެވެ. އޭގެ ތެރެއިން ފަސް ލަނޑަކީ ޕެނަލްޓީ އިން ކާމިޔާބު ކޮށްފައިވާ ލަނޑު ތަކެކެވެ. މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އޭނާ ވަނީ 20 ލަނޑު ޖަހާފަ އެވެ.

އަދި މިދިޔަ ސެޕްޓެމްބަރ މަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޑައިނަމޯ ޒަގްރެބް އާއި ދެކޮޅަށް ކުޅުނު މެޗު 9-2 ގެ ނަތީޖާއަކުން ބަޔާން މިއުނިކު މޮޅުވެފައިވާއިރު އެ މެޗުގައި އޭނާ ވަނީ 4 ލަނޑު ޖަހާފަ އެވެ. އަދި އެ 4 ލަނޑާއެކު އޭނާ ވެފައިވަނީ ޔޫއެފާއިން އިންތިޒާމުކުރާ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގައި އެންމެ ގިނައިން ލަނޑު ޖެހި އިނގިރޭސި ކުޅުންތެރިޔާއަށް ވެފަ އެވެ. އޭނާ ވަނީ ޔޫއެފާގެ ކްލަބް މުބާރާތްތަކުގައި ކުޅުނު 45 މެޗުގައި 33 ލަނޑު ޖަހާފަ އެވެ.

ރޭ ކުޅުނު މި މެޗުން ބަޔާން މިއުނިކް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން 29 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ދެވަނައިގައި އޮތް ލެއިޕްޒިގް އަށް 10 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 18 ވަނަ މިނިޓުގައި ބަޔާން މިއުނިކަށް ލިބުނު ޕެނަލްޓީ އަކުން ކޭން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދާފަ އެވެ. މި މެޗުގައި ބަޔާން އިން ޖެހި ދެވަނަ ލަނޑުވެސް އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ކާމިޔާބުކުރި އިރު ތިންވަނަ ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ފަހު މިނިޓުގަ އެވެ.