ސައުދި އަރަބިއްޔާގެ ޕްރޯ ލީގުގައި މި ސީޒަނުގައި ފުރަތަމަ ފަހަރަށް އަލް ނަސްރު ބަލިވެއްޖެ އެވެ. ރިޔާދުގައި އަލް ގަދްސިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުން ނެވެ.
މި މެޗުން އަލް ގަދްސިއާ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން 22 ޕޮއިންޓާއެކު ތާވަލުގެ 5 ވަނަ މަގާމު ލިބިފަ އެވެ. ތިންވަނައިގައި އޮތް އަލް ނަސްރަށް ވެސް ލިބިފައިވަނީ 11 މެޗުން 22 ޕޮއިންޓެވެ. ނަމަވެސް އެ ޓީމަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގުގެ އެއްވަނައިގައި އޮތް އަލް ހިލާލް އަށް 10 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އިއްތިހާދަށް 10 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.
އަލް ގަދްސިއާ އާއި ދެކޮޅަށް އަލް ނަސްރު ކުޅުނު މި މެޗުގެ 32 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ ފަސް މިނިޓު ފަހުން އަލް ގަދްސިއާގެ ކިނޯނެސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ސްޕެއިންގެ ޑިފެންޑަރ ނާޗޯ އާއި ގެބޮންގެ ޕިއާ އެމެރިކް އައުބަމެޔަންގް ކުޅޭ އަލް ގަދްސިއާ އިން މި މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އައުބަމެޔަންގް އެވެ.