އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު އިޕްސްވިޗް ޓައުންއަށް ކުޅުންތެރިކު ހޯދުމުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރާން މުހިންމު ދައުރެއް އަދާކޮށްދީފައިވާ ކަމަށް އެ ކުލަބުގެ ސީއީއޯ މާކް އެޝްޓަން ބުނެފިއެވެ.
އެޑް ޝީރާން ވަނީ މިދިޔަ އޮގަސްޓް މަހު އޭނާގެ އުފަން ސިޓީއަށް ނިސްބަތްވާ އިޕްސްވިޗް ޓައުންގެ ކުޑަ ހިއްސާއެއް ގަނެފަ އެވެ. މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އިޕްސްވިޗްގެ ހިއްސާ އެޑްޝީރާން ގަނެފައިވީ ނަމަވެސް އޭނާއަކީ އެ ކްލަބުގެ ބޯޑު މެމްބަރެއް ނޫނެވެ. ނަމަވެސް އިޕްސްވިޗްގެ ޕޯޓްމަން ރޯޑް ސްޓޭޑިއަމްގައި އޭނާއަށް ހާއްސަ އެގްޒެކްޓިވް ބޮކްސް އެއް ހުރެއެވެ.
އިޕްސްވިޗަށް ސޮއި ކުރި ކުޅުންތެރިންގެ ތެރެއިން އެޑް ޝީރާންގެ ހިއްސާއެއް އޮތީ ކޮން ކުޅުންތެރިއެއްކަން މާޚް އެޝްޓަން ހާމަ ކޮށްފައެއް ނުވެއެވެ. އަދި އޭނާ ބުނެފައިވަނީ ޓޭލާ ސްވިފްޓް އާއިއެކު ވެމްބްލީ ސްޓޭޑިއަމްގައި އޮތް ކޮންސެޓުގެ ކުރިން އެ ކުޅުންތެރިއަކީ އެޑް ޝީރާންގެ ސަޕޯޓަރެއްކަން އެނގުމާއެކު އޭނާ އެކަމުގައި މުހިންމު ދައުރެއް އަދާކޮށް ކުޅުންތެރިޔާގެ ސޮއި ހޯދަދީފައިވާ ކަމަށެވެ. އަދި އެ ކުޅުންތެރިޔާގެ ފަރާތުން މި ސީޒަނުގައި މިހާރު ގޯލުތަކެއްވެސް ފެނިފައިވާ ކަމަށް މާކް އެޝްޓަން ވަނީ ބުނެފަ އެވެ.
މި ސީޒަނުގައި އިޕްސްވިޗަށް އެ ގޯލަށްވުރެ ގިނައިން ގޯލު ޖަހައިދީފައިވާ ދެ ކުޅުންތެރިންނަކީ ލިއާމް ޑިލަޕް އާއި ސެމީ ޝްމޮޑިކްސް އެވެ. ލިއާމް ޑިލަޕް އެ ޓީމާއި ގުޅިފައިވަނީ މިދިޔަ ޖުލައި މަހު މެންޗެސްޓަރ ސިޓީ އިންނެވެ. އަދި ޝްމޮޑިކްސް އިޕްސްވިޗާއި ގުޅިފައިވަނީ މިދިޔަ އޮގަސްޓް މަހު ބްލެކްބާން ރޯވާޒް އިންނެވެ.
އެޑްޝީރާން ޓޭލާ ސްވިފްޓާއިއެކު ބޭއްވި ކޮންސެޓް ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވުމުގެ އެއް ދުވަސް ކުރިން އިޕްސްވިޗް އިން ވަނީ ޝްމޮޑިކްސް އެ ކްލަބާއި ގުޅިފައިވާކަން އިއުލާން ކޮށްފަ އެވެ. އަދި އަޔަލޭންޑަށް އުފަން ޝްމޮޑިކްސް ވަނީ ޓޮޓްނަމް އާއި ދެކޮޅަށް އޭނާ ޖެހި ހިތްގައިމު ލަނޑަށްފަހު އެޑްޝީރާން އާއިއެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ ސޯޝަލް މީޑިޔާގައި ޕޯސްޓް ކޮށްފަ އެވެ.