ޚަބަރު

ވެމްބަންޔާމާ ނުލައި ސްޕާސްއިން ޖެހިޖެހިގެން ދެވަނަ މޮޅު ހޯދައިފި


އަނިޔާގެ ސަބަބުން ވިކްޓަރ ވެންބަންޔާމާ ނުލައި ސަން އެންޓޯނިއޯ ސްޕާސްއިން އެންބީއޭގައި ޖެހިޖެހިގެން ކުޅުނު ދެވަނަ މެޗުގައި ޔޫޓާ ޖޭޒް އަތުން 128 ޕޮއިންޓް 118 ޕޮއިންޓުން މޮޅުވެއްޖެއެވެ.

މިއީ ޔޫޓާ ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. އަނެއްކޮޅުން މިއީ ސްޕާސްއެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ދެވަނަ ފަހަރެވެ.

ޓެކްސަސްގައި ހުންނަ އޭޓީ އެންޑް ޓީ ސެންޓަރުގައި ކުޅުނު މި މެޗުގެ ފުރަތަމަ ކުއާޓާ އަށް ފަހު ޔޫޓާ އިން ވަނީ 15 ޕޮއިންޓްގެ ލީޑެއްނަގައިފައެވެ. އެ ޓީމުން ފުރަތަމަ ކުއާޓާ އަށް ފަހު ލީޑްކުރަމުންދިޔައީ 32-17 އިންނެވެ.

އެކަމަކު، ދެން ޖެހިގެންއައި ދެވަނަ ކުއާޓާގައި ސްޕާސް އިން ފަރަގުކުޑަކުރިއެވެ. މި ކުއާޓާ އިން ޔޫޓާ ކުރިހޯދީ 35 ޕޮއިންޓް 34 ޕޮއިންޓުންނެވެ. މިއާއެކު، ފުރަތަމަ ދެ ކުއާޓާ ޔޫޓާ އިން ނިންމާލީ 16 ޕޮއިންޓް ކުރީގަ އޮވެގެންނެވެ.

މި މެޗުގެ ފުރަތަމަ ދެ ކުއާޓާއާ ހިލާފަށް ދެން ކުޅެވުނު ފަހު ދެ ކުއާޓާގައި ސްޕާސް ވަނީ ނަތީޖާ އަނބުރާލައިފައެވެ. އެގޮތުން، ތިންވަނަ ކުއާޓާގައި ސްޕާސް އިން 34 ޕޮއިންޓް 22 ޕޮއިންޓުން ހޯދީ ލީޑާއެކު، ދެ ޓީމުގެ އޮތް ފަރަގު ވަނީ އެންމެ ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. މި ތިން ކުއާޓާއަށްފަހު، ޔޫޓާ ލީޑްކުރަމުންދިޔައީ 89 ޕޮއިންޓް 85 ޕޮއިންޓުންނެވެ.

ސްޕާސް އިން މެޗު ކާމިޔާބުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ހަތަރުވަނަ ކުއާޓާގައި ވަނީ 41 ޕޮއިންޓް 29 ޕޮއިންޓުން ޔޫޓާގެ މައްޗަށް ކުރިހޯދާފައެވެ.

ސްޕާސް އިން މި މެޗުގައި އެންމެ ރަނގަޅަށް ކުޅުނު ހެރިސަން ބާންސް 25 ޕޮއިންޓާއެކު 10 ރީބައުންޑް ނެގިއިރު، އެ ޓީމުގެ ރޫކީ، ސްޓެފަން ކާސަލް ވަނީ 18 ޕޮއިންޓް އެއްކޮށްފައެވެ. ދެން އެ ޓީމަށް އެންމެ ރަނގަޅަށް ކުޅެދިން ޒެކް ކޮލިންސް 18 ޕޮއިންޓް އެއްކުރިއިރު، ކްރިސް ޕޯލް ވަނީ 13 ޕޮއިންޓާއެކު 10 އެސިސްޓް ހަދައިފައެވެ.

ޔޫޓާ އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ލައުރީ މާކަނެން އެވެ. އޭނާ 27 ޕޮއިންޓް އެއްކޮށްދިންއިރު، ކެޔޮންޓޭ ޖޯޖް ވަނީ 19 ޕޮއިންޓް އެއްކޮށްފައެވެ.

މިއީ އަނިޔާގެ ސަބަބުން ސްޕާސްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ވެމްބަންޔާމާ އާއި ޑެވިން ވަސެލް ނުލައި އެ ޓީމު ކުޅުނު ތިންވަނަ މެޗެވެ. ވެމްބަންޔާމާ އާއި ވަސެލް އަށް ވެސް ކުރިމަތިވެފައިވާ ކަކުލުހުޅުގެ އަނިޔާއެވެ. ވެމްބަންޔާމާގެ ކަނާތުފައިގެ ކަކުލުހުޅަށް އަނިޔާވެފައިވާއިރު، ވަސެލްގެ ވާތުފައިގެ ކަކުލަށް ވަނީ އަނިޔާވެފައެވެ. މި ދެ ކުޅުންތެރިންގެ އަނިޔާއާ ގުޅޭގޮތުން ސްޕާސްގެ އެކްޓިންގ ކޯޗު، މިޗް ޖޯންސަން ވަނީ ވަރަށް އަވަހަށް އަނިޔާއިން ރަނގަޅުވެ، ޓީމާ ގުޅޭނެ ކަމަށް ބުނެފައެވެ.

ސްޕާސް އަށް ދެން އޮތީ އަމިއްލަ ދަނޑުގައި ގޯލްޑަން ސްޓޭޓް ވޯރިއާސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ޔޫޓާ ދެން ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނިކުނާނީ ނިއުޔޯކް ނިކްސްއާ ދެކޮޅަށެވެ.