ޓޮޓްނަމް ހޮޓްސްޕަރ އަށް ކުޅެމުން އަންނަ އުރުގުއޭ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަންކޫ ސަސްޕެންޑް ކުރުމަކީ ބޮޑު އަދަބެއް ކަމަށް ބުނެ، އެ ކުލަބުން އެ މައްސަލަ އިސްތިއުނާފުކޮށްފިއެވެ.
ބެންޓަންކޫ ސަސްޕެންޑް ކޮށްފައިވަނީ އެ ކުލަބުގެ ސޮން ހުއެން-މިން އަށް ނިސްބަތްވާ ގޮތަށް ނަސްލީ ގޮތުން ތަފާތުކުރެވޭ އިބާރާތްތަކެއް ބޭނުން ކޮށްފައިވާ މައްސަލައިގައި ހަތް މެޗަށެވެ. ޓޮޓްނަމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބެންޓަންކޫގެ ސަސްޕެންޝަން އެ ކްލަބުން އިސްތިއުނާފު ކޮށްފައިވާ ކަމަށާއި ނަމަވެސް ބެންޓަންކޫ އެކަމުގައި ކުށެއް ކޮށްފައިވާ ކަމަށް އެ ކްލަބުން ވެސް ގަބޫލުކުރާ ކަމަށެވެ.
މިދިޔަ ޖޫން މަހު އުރުގުއޭގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަ އަކާއި ގުޅިގެން ބެންޓަންކޫގެ މައްސަލަ އެފްއޭ އިން ބަލަން ފަށުމުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
މީޑިޔަ ރިޕޯޓްތައް ބުނާ ގޮތުގައި ބެންޓަންކޫ އާއި އިންޓަވިއު ކުރި ނޫސްވެރިޔާ ވަނީ ޓޮޓްނަމްގެ ކުޅުންތެރިޔާ ސޮންގެ ޖާޒީ ދިނުމަށް އެދިފަ އެވެ. އަދި އެއަށް ޖަވާބު ދެމުން ސޮންގެ ޖާޒީ އަކީ މުޅި ކޮރެއާގެ މީހުންގެ ޖާޒީ ކަމަށާއި ހުރިހާ އެންމެންގެ ލޯ ކުޑަ ވުމުގެ ސަބަބުން އެއީ ކާކުކަން ވަކިކުރަން ނޭނގޭނެ ކަމަށް ބެންޓަންކޫ ވަނީ އެ އިންޓަވިއުގައި ބުނެފައެވެ.
ބެންޓަންކޫގެ ސަސްޕެންޝަނުގެ ސަބަބުން އޭނާއަށް ޕްރިމިއާ ލީގުގައި އެ ޓީމު ޗެލްސީ އާއި މެންޗެސްޓަރ ސިޓީގެ އިތުރުން ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ. އަދި އިނގިރޭސި ލީގު ކަޕްގެ ކުއާޓަރ ފައިނަލުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުވެސް އޭނާއަށް ގެއްލޭނެ އެވެ. ނަމަވެސް ޔޫރޮޕާ ލީގުގައި ޓޮޓްނަމް ކުޅެންޖެހޭ މެޗުތަކުގައި އޭނާއަށް ކުޅެވޭނެ އެވެ.
ބެންޓަންކޫ ވަނީ އިނގިރޭސިވިލާތުގެ އެފްއޭ އިން އިންތިޒާމު ކުރާ ހަތް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން އެއް ލައްކަ ޕައުންޑުން ޖުރިމަނާކޮށް އަދި ހޭލުންތެރި ވުމުގެ ގޮތުން ނަގައިދޭ ސެޝަންތަކެއްގައި އަމަލީ ގޮތުން ބައިވެރިވުމަށް ވަނީ އޭނާއަށް އަންގާފަ އެވެ.
އުރުގުއޭގެ ޓީވީ ޗެނަލަށް ދިން އިންޓަވިއުއަށްފަހު ބެންޓަންކޫ ވަނީ ސޮން އަށް ނިސްބަތްކޮށް ދެކެވުނު ވާހަކަތަކެއް އޭނާގެ ސޯޝަލް މީޑިޔާގައި މައާފަށް އެދިފަ އެވެ. އަދި އެއީ އޭނާ މަޖަލަކަށް މަޒާޖީ ގޮތުން ބޭނުން ކުރި އިބާރާތެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.