ޚަބަރު

އާންމު މިންގަނޑާ ޚިލާފް 300 ފިހާރަ ފާހަގަކުރެވިފައިވޭ


ކާބޯތަކެތި ވިއްކުމުގެ ޢާންމު މިންގަނޑާ ޚިލާފަށް ހުރި 300 އަށްވުރެ ގިނަފިހާރަ ފާހަގަކުރެއްވިފައިވާތީ، އެތަންތަން އިޞްލާޙްކުރުމަށްއަންގަވާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އެމްއެފްޑީއޭއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިދިއަ މަހުގެ 15ގައި ފެއްޓެވި، ފިހާރަތައް ބަލައި ފާސްކުރެއްވުމުގެ ޚާއްޞަ އޮޕަރޭޝަނުގައި 300 ފިހާރައެއް ބަލައި ފާސްކުރައްވައި، އެތަންތަނުން ފާހަގަވި ކަންކަން އިސްލާޙުކުރުމަށް އަންގާފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، ފިހާރަތަކުގައި މުއްދަތު ހަމަވެފައިވާކާބޯތަކެތި ވިއްކަން ބަހައްޓާފައި ހުރިކަން ފާހަވިކުރެއްވިފައިވާ ކަމަށާއި ބައެއްފިހާރަތަކުގެ ޢާންމު ސާފުތާހިރުކަންވެސް ދަށް ކަން ފާހަގަކުރެވުނުކަމަށެވެ. މީގެއިތުރުން ކުކުޅާއި ބަޓަރ ފަދަ، ފިނިކޮށް އަދި ގަނޑުކޮށް ބަހައްޓަންޖެހޭ ކާބޯތަކެތިތަޣައްޔަރުވާ ގޮތަށް ބަހައްޓާފައި ހުންނަކަމަށާއި، އެކަށީގެންވާ ފެސިލިޓީތައް ނެތި ކުކުޅު ކޮށުމާއި ކާބޯތަކެތި ޕެކުކުރުން ފަދަ ކަންކަން އެމްއެފްޑީއޭއަށް ފާހަގަކުރެވިފައިވާކަމަށްއެބަޔާންގައި ހާމަކޮށްފައިވެއެވެ.

ބައެއް ތަކެތި ބަހައްޓަންޖެހޭ ފިނި ހޫނުމިނުގެ މިންގަނޑާ ޚިލާފަށް ބަހައްޓައިވިއްކަމުންދާކަމަށާއި، ދަޅުފަދަ ތަކެތި ބަނޑިވެފައި ހުންނައިރުވެސް ވިއްކަންބެހެއްޓުންފަދަ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރެއްވިފައިވާކަމަށްއެމްއެފްޑީއޭއިން ވިދާޅުވެއެވެ.

އެ އޮތޯރިޓީން ވިދާޅުވިގޮތުގައި ރާއްޖޭގެ އުފެއްދުންތަކުގައި މުއްދަތު ހަމަވާތާރީޚް ވަކި އުޞޫލެއް ނެތި ޖަހާފައި ހުރިކަން ފާހަގަކުރެވުނު ކަމަށާއި، ބައެއްދިވެހި އުފެއްދުންތަކުގެ ޕެކިންގެ ފެންވަރު ދަށްވުމާއި، ކާބޯތަކެތީގައި ލޭބަލްޖެހުމުގެ ޤަވާޢިދާއި މިންގަނޑަށް ނުފެތޭ ކާބޯތަކެތި ވިއްކަން ހުރިކަމަށްވެސް ފުޑްއެންޑް ޑަރަގް އޮތޯރިޓީން ފާހަގަކުރައްވައެވެ.

މީގެ އިތުރުން ބައެއް ފިހާރަތަކުން މީދަލާއި ބުޅާ ފަދަ ތަކެތި ވަދެ އާލާވާގޮތަށް ހުންނަ ތަންތަން ފެނިވަޑައިގެންފައިވާ ކަމަށާއި، ކާބޯތަކެތީގެރައްކާތެރިކަމުގެ ޢާންމު އުޞޫލާމެދު މުވައްޒަފުން ހޭލުންތެރިކޮށްފައި ނުވާކަމަށްވެސް އެމްއެފްޑީއޭފިން ހާމަކުރައްވައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ މިކަންކަމީ ކާބޯތަކެތީގެރައްކާތެރިކަން ގެއްލޭ ކަންކަމަށް މެދުވެރިކުރާ ކަންކަން ކަމަށެވެ. އެހެންކަމުންމިކަންކަން ރަނގަޅަށް ބަލައި އިޞްލާޙްކުރުމަށް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.