ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަ އިތުރުކުރުމަށް "ޝޭޑްސް އޮފް މައިންޑް"ގެ ނަމުގައި އަރޓް އެގްޒިބިޝަނެއް ފަށައިފިއެވެ.
އެގްޒިބިޝަން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފްއެވެ.
މި އެގްޒިބިޝަންގެ ބޭނުމަކީ ނަފްސާނީ ބަލިތައް ތަޙައްމަލުކުރާ މީހުންގެ ޝުޢޫރާއި އެފަދަ ބަލިތަކުން އަރައިގަތުމަށް ހޭލުންތެރިވުމުގެ މުހިންމުކަމާ ގުޅޭ ޝުޢޫރު، ކުރެހުމުގެ ޒަރިއްޔާއިން ފޯރުކޮށްދިނުމެވެ.
އެގްޒިބިޝަން ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވަނީ ކުރެހުންތައް ބައްލަވާލައްވާ، ކުރެހުންތެރިންނާ ބައްދަލުކުރައްވާފައެވެ.
ޒުވާނުންނަށް ޚާއްސަކޮށްފައިވާ މި އެގްޒިބިޝަންގައި ކުރެހުންތައް ހުށައެޅުމަށް ހުޅުވާލީ އުމުރުން 16އަހަރާއި 35އަހަރާ ދެމެދުގެ އުމުރުފުރައަށެވެ.
95 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް، 51 ކުރެހުން މި އެގްޒިބިޝަންގައި ދައްކާލުމަށް ވަނީ ބަހައްޓާފައެވެ.
އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާޙިމް ވަޙީދު ވިދާޅުވީ، ފުރުޞަތު ހުޅުވާލި ކުރު މުއްދަތުގައިވެސް ގިނަ ޒުވާނުންތަކެއް މިކަމަށް ދިން ޝައުގުވެރިކަމުން އިނގިގެން ދިޔައީ ނަފްސާނީ ދުޅަހަޔަކަށް ޒުވާނުން ދޭ ސަމާލްކަމާއި އަދި ޒުވާނުންގެ ފަންނުވެރިކަންކަމަށެވެ. މިފަދަ ގިނަ ފުރުޞަތުތައް ފަހިކޮށްދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބެނުންވީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ޒުވާނުން ދެކޭ ގޮތް ބަލާލަން. ވަރަށް ގިނަ ޚިޔާލުތައް ކުރެހުމުގެ ޒަރިއްޔާއިން އިންގިއްޖެ. މި ކުރެހުންތައް ވިއްކައިގެން ލިބޭ %100 ރުފިޔާވެސް މި ދެނީ އަރޓިސްޓަށް." ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާޙިމް ވަޙީދު ވިދާޅުވިއެވެ.
އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 17ވަނަ ދުވަހާ ހަމައަށެވެ.
އަރޓް ގެލަރީގައި ކުރެހުންތައް ދައްކާލުން ކުރިއަށްދާނީ ކޮންމެ ދުވަހަކު ހެނދުނު 10:00އިން ރޭގަނޑު 10:00އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 04:00އިން ރޭގަނޑު 10:00އަށެވެ.