ޚަބަރު

އަގުއެއްކޮށްގެން މަސް ބޭރުކުރާ މިންވަރު އިތުރުވުމުން އާމްދަނީވެސް 2 ގުނަ އިތުރުވާނެ: ވަޒީރު ޝިޔާމް


  • ސަރުކާރުގެ އަމާޒަކީ ބޭރުކުރާ މަހުގެ %90 އަގުއެއްކުރެވިފައިވާ ބާވަތްތަކަށް ހެދުން

އަގުއެއްކޮށްގެން ރާއްޖެއިން މަސް ބޭރުކުރާ މިންވަރު އިތުރުވުމުން މަސްވެރިކަމުން ލިބޭ އާމްދަނީވެސް 2 ގުނަ އިތުރުވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މަސްވެރި ސިނާއަތުން އެންމެ ފުރިހަމަ ނަފާ ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މަސްވެރިން ބާނާ މަސް ރައްކާކުރުމާއި އެ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމުގެ ކެޕެސިޓީ ނެތުމެވެ. މިކަމުގެ ސަބަބުން މަހަށް އަގު އެއްކުރުމަށް ނުވަތަ އެކި ގޮތްގޮތަށް ބަންދުކޮށްގެން އާމްދަނީ އިތުރުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި މަސްވެރިކަމާއިކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރާ އެއް މަސައްކަތަކީ މި 5 އަހަރުގެ ތެރޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނަށް އިތުރުކުރުމާއެކު މަސް ޕްރޮސެސްކުރާނެ އިތުރު ކާރުޚާނާތައް އެޅުމެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި އަގު އެއްކޮށްގެން ބޭރުކުރަންކަމަށެވެ. އެ މަޤްޞަދު ހާސިލްކުރުމަށްޓަކައި ދިވެހިރާއްޖޭގެ 3 ސަރަހައްދެއްގައި ޕްރޮސެސިން އަދި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކޯލްޑް ސްޓޯރޭޖްވެސް ޕްރޮސެސިން ފެސިލިޓީވެސް އެބަ އިތުރުކުރެވޭ. އެހެންވެއްޖެކަމަށްވާނަމަ އަޅުގަނޑަށް ޔަޤީންކަން އެބައޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި މަސައްކަތުން އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ބާނާ ގާތްގަނޑަކަށް %95 އަށްވުރެ ބޮޑު އިންސައްތައެއް ދަޅަށް ނޫނިއްޔާ ޕައުޗަށް ނޫނިއްޔާ ވެލިއު އެޑްކޮށްގެން ބޭރުކުރެވޭނެ އިނގޭތޯ" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވެލިއު އެޑްކޮށްގެން ބޭރުކުރެވޭ މަހުގެ އަދަދު އިތުރުކުރެވުމުން އާމްދަނީވެސް 2 ގުނަ އިތުރުވެގެންދާނެކަމަށެވެ.
އަދި މަސް ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގައި ބާނާ %90 މަސް ބޭރުކުރެވޭނީ ވެލިއު އެޑްކޮށްގެންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

"މިހާރު 2000 ޓަނުގެ މަސް މިފްކޯއިން ލޭންޑްކޮށް ބޭރުކުރާކަމުގައިވާނަމަ މިއަދު އަޅުގަނޑުމެންނަށް މިލިބެނީ ގާތްގަނޑަކަށް ރަނގަޅު އަހަރެއްގައި 90 ނުވަތަ 95 މިލިއަނެއްހައި ޑޮލަރު އިނގޭތޯ. އަޅުގަނޑުމެންގެ އަމާޒަކީ މި ދަންނަވާ ފެސިލިޓީތައް ޤާއިމްކޮށްގެން ކެޕޭސިޓީ އިތުރުކޮށްގެން ދިވެހިރާއްޖެއިން ބޭރުކުރާ މަހަށް އަގުއެއްކޮށްގެން ބޮޑު އިންސައްތައެއް ނޫނިއްޔާމުން ހުރިހައި މަހެއް ރާއްޖޭގައި އަގު އެއްކޮށްގެން ބޭރުކުރާކަމުގައި ވާނަމަ އަޅުގަނޑުމެންނަށް މި އާމްދަނީ ޓްރިޕަލްކުރެވޭނެ. 2 ގުނައަށްވުރެ ބޮޑު ކުރެވޭނެ. އެއީ އަޅުގަނޑުމެންގެ އަމާޒަކީ" ވަޒީރު ވިދާޅުވިއެވެ.

ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން ފ. ނިލަންދޫގައި 1500 ޓަނުގެ މަސް ރައްކާކުރެވޭ ސްޓޯރޭޖަކާއި 50 ޓަނު ޕްރޮސެސް ކުރެވޭ ފެސިލިޓީ ގާއިމްކުރާނެއެވެ. އަދި ޅ. ފެލިވަރުގައި އިތުރު 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭނެ ފެސިލިޓީއެއް އެޅުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ގދ. ފިޔޯރީގައި 3000 ޓަނުގެ މަސް ރައްކާ ކުރެވޭ ސްޓޯރޭޖަކާއި ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ފެލިސިޓީއެއް ގާއިމްކުރާނެއެވެ.