ޚަބަރު

ހެރިސް ވޯޓުލައްވައި, ޢަރަބި-އެމެރިކާ ދަރިކޮޅުގެ މީހުންނަށް ވޯޓުލާން ނިކުތުމަށް ގޮވައިލައްވައިފި


އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު, ނައިބު ރައީސާ ކަމަލާ ހެރިސް ވޯޓު ލައްވައިފިއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ރަސްމީކޮށް ބާއްވާނީ ނޮވެންބަރު 5ވަނަ ދުވަހުއެވެ. ހެރިސް ވޯޓު ލައްވާފައި ވަނީ, އަރލީ ވޯޓިންގ ނުވަތަ ކުރީބައިގައި ވޯޓު ދިނުމުގެ ފުރުޞަތުގެ ދަށުން, މެއިލް ނުވަތަ ޕޯސްޓު މެދުވެރިކޮށެވެ.

އިންތިޚާބުގައި ވޯޓު ލައްވާފައިވާ ކަން ހެރިސް އިޢުލާނު ކުރައްވާފައި ވަނީ މިޝިގަން ސްޓޭޓްގެ ޑިޓްރޮއިޓްގައި ނޫސްވެރިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. "އަޅުގަނޑުގެ މެއިލް-އިން ވޯޓު ކަރުދާސް ފުރައިފިން. އެހެންވީމަ, އަޅުގަނޑު ވޯޓުލައިފިން،" އޭނާ ވިދާޅުވިއެވެ. ފުރިހަމަ ކުރެއްވުމަށް ފަހު ހެރިސް އޭނާގެ ވޯޓު ކަރުދާސް ޕޯސްޓު ކުރައްވާފައި ވަނީ, އޭނާ ވޯޓު ލެއްވުމަށް ރަޖިސްޓަރީ ކުރައްވާފައިވާ ކެލިފޯނިޔާއަށެވެ.

ހެރިސާއި, އިންތިޚާބުގައި އޭނާއާ ވާދަކުރައްވާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ އިންތިޚާބަށް އެންމެ ފަހުގެ ތައްޔާރީތައް ކުރައްވަމުންނެވެ. އަަދި, ތާޢީދު އިތުރު ކުރުމަށް އެންމެ ފަހުގެ ކެމްޕޭން ޖަލްސާތައް ބާއްވަވަމުންނެވެ. ހެރިސްގެ އެންމެ ފަހުގެ ކެމްޕޭން ޖަލްސާ ބާއްވަވާފައި ވަނީ މިޝިގަން ސްޓޭޓުގައެވެ. ތާޢީދު އިތުރު ކުރައްވަން ޓްރަމްޕް ކެމްޕޭން ކުރައްވަމުން ގެންދަވަނީ ޕެންސިލްވޭނިޔާގައެވެ.

މިޝިގަނާއި ޕެންސިލްވޭނިޔާއަކީ މި އަހަރުގެ އިންތިޚާބުގައި "ސްވިންގ ސްޓޭޓް"ތަކުގެ ގޮތުގައި ބެލެވޭ ދެ ސްޓޭޓެވެ. މާނައަކީ, އެއީ ކޮންމެ އިންތިޚާބެއްގައި ވެސް ތާޢީދު ބޮޑު ޕާޓީ ބަދަލުވާ ކަމަށް ނުވަތަ ހަމަހަމަ ތާޢީދެއް އޮތް ކަމަށް ފާހަގަ ކުރެވޭ ސްޓޭޓްތަކެވެ. މި އަހަރުގެ އިންތިޚާބުގައި އެ ފަދަ ސްޓޭޓްތަކުގެ ގޮތުގައި ބެލެވޭ އިތުރު ސްޓޭޓްތަކުގެ ތެރޭގައި އެރިޒޯނާ, ޖޯޖިޔާ އަދި ވިސްކޮންސިން ހިމެނެއެވެ.

އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު, ހެރިސާއި ޓްރަމްޕްގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ކުރި ހޯދިފައެއް ނެތެވެ. ނަމަވެސް, ވޯޓުލާން ރަޖިސްޓަރީ ކޮށްފައިވާ އަންހެނުންގެ ތެރޭގައި މަޤުބޫލު ކަން ބޮޑީ 60 އަހަރުގެ ހެރިސަށެވެ. ހިސްޕޭނިކް ނުވަތަ ސްޕެއިން ދަރިކޮޅަށް ނިސްބަތްވާ, ސްޕެނިޝް ބަހުން ވާހަކަދައްކާ މީހުންގެ މެދުގައި މަޤުބޫލުކަން ބޮޑީ ޓްރަމްޕަށެވެ. އޭގެ ތެރޭގައި ވެސް ހިސްޕޭނިކް ދަރިކޮޅުގެ ފިރިހެނުންގެ ތާޢީދު 78 އަހަރުގެ ޓްރަމްޕަށް ބޮޑެވެ.

ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ އިލެކްޝަން ލެބުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލައިލާއިރު, އަރލީ ވޯޓިންގގެ ފުރުޞަތު ބޭނުންކޮށް, މިހައިތަނަށް ވޯޓު ލާފައިވާ މީހުންގެ އަދަދު 78 މިލިޔަނަށް އަރައެވެ. އެއީ, 2020ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ފުރުޞަތު ބޭނުންކޮށްގެން ވޯޓުލާފައިވާ މީހުންގެ އަދަދު ކަމުގައިވާ 160 މިލިޔަނާ އަޅައިބަލާއިރު ދެބައިކުޅަ އެއްބައެވެ. އެމެރިކާގެ ތާރީޚުގައި ވެސް އިންތިޚާބެއްގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާފައި ވަނީ 2020ވަނަ އަހަރުގެ އިންތިޚާބުގައެވެ.

ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގައި ހުސްވެފައިވާ ގޮނޑިތަކުގެ އިންތިޚާބު ވެސް, ރިޔާސީ އިންތިޚާބާ އެކުއެކީގައި ކުރިއަށް ދާނެއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަނީ, ކޮންގްރެސްގެ މަތިގެ, ސެނެޓުގެ ވޯޓު ކާމިޔާބު ކުރާނީ ރިޕަބްލިކަން ޕާޓީން ކަމުގައެވެ. އަދި, ކޮންގްރެސްގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ކާމިޔާބު ކުރުމުގެ ފުރުޞަތު ޑިމޮކްރެޓިކް ޕާޓީއަށް އޮތް ކަމަށް ވެސް ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ހާމަވެއެވެ.

"ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޤައުމުގެ މިސްރާބު, އަދި ކުރިއަށް އޮތް ޖީލުތަކުގެ މުސްތަޤުބަލު ނިިންމާނެ ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބިގެންދާނެ. މިއަދު ފިޔަވަޅު އަޅަން ޖެހޭ. [ކާމިޔާބީ ލިބޭތޯ] ދުޢާ ދެންނެވުމާއި, އެ ކަމާ މެދު ވާހަކަ ދެއްކުމަކުން ނުފުދޭ،" ޑިޓްރޮއިޓްގައި ބޭއްވި ކެމްޕޭން ޖަލްސާގައި ހެރިސް ވިދާޅުވިއެވެ. އެއަށްފަހު, އީސްޓް ލެންސިންގައި ޢަރަބި-އެމެރިކާ ދަރިކޮޅުގެ މީހުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ހެރިސް ވަނީ އިންތިޚާބުގައި ބައިވެރިވެ, ވޯޓުލުމަށް ނިކުތުމަށް އެ މީހުންނަށް ބާރު އަޅުއްވާފައެވެ.

"ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދާ, ޢުމްރާނީ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުމާއި, ލުބްނާންގައި ގެދޮރު ނެތިފައިވާ މީހުންގެ އަދަދުތަކަށް ބަލާއިރު, މި އަހަރަކީ ވަރަށް ދަތި, އުނދަގޫ އަދި ފަނާކުރަނިވި އަހަރެއް. ރަައީސް ކަމުގެ މަޤާމުގައި, [ފަލަސްޠީނުގެ] ޣައްޒާގައި [މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން] ހިންގަމުންދާ ޢުދުވާން ހުއްޓުވަން އަޅުގަނޑަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ހިފާނަން،" ހެރިސް ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވިދާާޅުވި ނަމަވެސް, ޣައްޒާއާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ.

ޣައްޒާގައި ޔަހޫދީ ފައުުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން, ޢަރަބި-އެމެރިކާ ދަރިކޮޅު މީހުންނާއި, އެމެރިކާގައި ދިރިއުޅޭ މުސްލިމުން ދަނީ ގޮވައިލަމުންނެވެ. އަދި, ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް ބާރު އަޅަމުންނެވެ. ނަމަވެސް, އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯއްދަވައިފި ނަމަ, މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނަށް ޔަހޫދީންގެ ކިބައިން ކުރިމަތިލާން ޖެހިފައިވާ ހާލަތު އިތުރަށް ގޯސްވާނެ ކަމަށާއި, އީރާން ފަދަ ޤައުމުތަކަށް އިތުރު ނުރައްކަލާއި ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

އީރާނަށް ޙަމަލާ ދޭން ބޭނުންވާ ކަމުގައި ޓްރަމްޕް ކުރިން ވިދާާޅުވެފައިވާ ކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. ނަމަވެސް, ޢަރަބި-އެމެރިކާ މީހުންގެ ބޮޑު އަބާދީއެއް އޮތް ޑިއަރބޯންގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ, މެދުއިރުމަތީގައި އޮތް ހަމަނުޖެހުންތައް ހުއްޓުމަކަށް ގެންނަވާނެ ކަމުގައެވެ. އެ ކަން ކުރައްވާނެ ގޮތް އޭނާ ސާފުކޮށްދެއްވާފައެއް ނެތެވެ.

ޕެންސިލްވޭނިޔާގެ ބަޓްލަރގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަން ހުއްޓައި ޖުލައި މަހު ޓްރަމްޕް އަވަހާރަ ކޮށްލަން ބަޑީގެ ޙަމަލާއެއް ދިނެވެ. އޭގެ ފަހުން ބާއްވާފައިވާ ހުރިހާ ކެމްޕޭން ޖަލްސާއެއްގައި އޭނާ ވާހަކަފުޅު ދައްކަވާފައި ވަނީ, ބަޑީގެ ވަޒަންތައް ހުއްޓުވަން ފަރުމާ ކޮށްފައިވާ ބުލެޓްޕްރޫފް ބިއްލޫރީގެ ފަހަތުގައި ހުންނަވައިގެންނެވެ. "އަޅުގަނޑު މަރައިލަން ދޭ ބަޑީގެ ޙަމަލާތަކެއްގެ ތެރެއިން ދޮގު ޚަބަރު ފަތުރާ ނޫސްވެރިން މަރައިލުމުގައި އަޅުގަނޑުގެ އެއްވެސް ފަރުވާލެއް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ. މި ބަސްފުޅުތަކާ ގުޅިގެން އޭނާ ވަނީ ހޫނުފެނަށް ވެއްޓިފައެވެ.