ސިފަައިންނާއި ފުލުހުން އިތުރުކުރުމަށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ސްކޫލް ނިމޭ ދަރިވަރުންނަށް އަމާޒުކޮށް ހިންގެވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ކޮންމެ ދުވަހެއްވެސް ހޭދަކުރައްވަނީ ޤައުމުގެ މިނިވަންކަމުގެ ހިމާޔާތުގައިކަމަށެވެ. އަދި އެމަގުން މަސައްކަތްކުރައްވާއިރު، އަސްކަރީ އަދި ދިފާޢީ ބާރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަސްކަރީ އަދި ދިފާޢީ ބާރު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި ޒަމާނާ އެއްގޮތަށް މުހިއްމު ފެންވަރަކަށް ތަރައްޤީކުރައްވާނެކަމަށެވެ.
"ކޯސްޓް ގާޑުގެ ވަރުގަދަކުރުމަށް ސްޕެޝަލް ސްކޮޑްރަންއެއް ވަނީ ފެށިފައި، ކޯސްޓްގާޑު ޑަބަލްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދެ ގުނައަށް ފްލީޓް ބޮޑުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންގެ އިތުރަށް ތަރައްޤީކުރުމަށް ސިފައިންގެއަށް ވަންނަ މީހުންގެ އަދަދުވެސް އިތުރުކުރަންޖެހޭކަމަށެވެ. އެގޮތުން ސަރުކާރުން ބޭނުންވަނީ ކޮންމެ އަހަރަކުވެސް އިތުރު 1000 ސިފައިން ބޭނުންވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ޙިދުމަތަށް ބޭނުންވާ މީހުން ތަމްރީންކުރުމަށް ސްކޫލް ނިމޭ ދަރިވަރުންގެ ތެރެއިން ވަޒީފާއެއް ނުލިބި ނުވަތަ މަތީ ތައުލީމުގެ ފުރުސަތު ނުލިބޭ ކުދިންގެ އަދަދު ދެހާހުން މަތީގައި އުޅޭއިރު، އެފަދަ ކުދިންނަށް އަމާޒުކޮށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެއްޓެވުމަށް ނިންމަވާފައިވާކަމަށެވެ.
"އެހެންނަމަވެސް އެކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބި، މިލިޓަރީ ތަމްރީން ދެވި، ރަނގަޅު ބަޔަކަށް ހެދި ވަޒީފާ ލިބޭ ބަޔަކަށް ހެދިއްޖެނަމަ އެއީ އެކުދިންނަށްވެސް އާއިލާތަކަށްވެސް ޤައުމަށްވެސް ސިފައިންގެ ހިދުމަތަށްވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށްވާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގައި އުމުރުން 16 އަހަރުވެފައިވާ ކުދިންނަށް ބައިވެރިވެވޭނެކަމަށާއި، އެކަމަށް ޤާނޫނެއްވެސް އެކުކލަވާލާނެކަމަށެވެ. އަދި އެ ޕްރޮގްރާމް ހިންގެވުމަށް ބަޖެޓުގައި މިއަހަރުވެސް 400 މިލިއަން ރުފިޔާ ހިމަނުއްވާފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކުވެސް އެ ޕްރޮގްރާމަށް 400 މިލިއަން ރުފިޔާ ބަޖެޓް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ސަބަބުން ސިފައިންގެއަށް 4000 މީހުން އަދި ފުލުހުންގެ ޚިދުމަތަށްވެސް 1000 މީހުން އަލަށް ގުޅޭނެކަމަށެވެ.