އޮޅުހިޔާއަށް ގެންދާ ފުރަތަމަ ބެޗްގެ ބުޅާތައް މިހަފްތާތެރޭ ނަގަން ފަށާނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވީ މާލެ ސަރަހައްދުގެ މަގުތަކުގައި 4000އަށްވުރެ ގިނަ ބުޅާ އުޅޭކަމަށެވެ. މިބުޅާތަކުގެ ތެރޭގައި އެކި ހާލައްތަކުގައި ތިބި ބުޅާތަައް ފާހަގަ ކުރެވޭ ކަމަށާއި، މިބުޅާތައް އެއްފަހަރާ ނެގުމަކީ ފަސޭހަ އަދި އެންމެ ރައްކާތެރި ކަމަކަށްވެސް ނުވާނެކަމަށެވެ.
ވަޒީރު ޑރ. ރަމީލާ ވިދާޅުވީ ފެސިލިޓީއަށް ބުޅާތައް ގެންދިޔުމަށް ޚާއްސަ ޕްލޭނެއް ހަދާފައިވާ ކަމަށާއި، މިޕްލޭންގެ ދަށުން ބުޅާތައް ނެގަމުންދާނީ ބެޗް ބެޗައްކަމަށެވެ. އަދި ފެސިލިޓީއަށް ގެންދާ ބުޅާތަކުގެ ސިއްޙީ މައްސަލަ ދެނެގަނެވި ފަރުވާ ދޭނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ފެސިލީޓީއަށް ގެންދެވޭ ހިސާބުން ބުޅާތައް ރަޖިސްޓްރީ ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ. އަދި ވެރިފަރާތެއް ނެތް ބުޅަލުގެ އާބާދީ ދައްކުރުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" އެކީ އެކައްޗަކަށް ބުޅާތައް ނެގޭނީ ޚާއްސަ ޕްލޭނެއްގެ ދަށުން. އެއީ ނެގޭ ބުޅާތަކުގެ ހާލަތު ދެނެގަންނަން ޖެހޭ. އަދި ޕެޓް ކެއަރ ފެސިލިޓީއަށް ވަނުމާއެކު ރަޖިސްޓްރީ ކުރެވޭނެ. މީގެއިތުރުން އަންހެން ބުޅާ ނުވިހާ އޮޕަރޭޝަން ކުރާނެ. އެއީ އޯނަރެއް ނެތި އުޅޭ ބުޅަލުގެ އާބާދީ ދައްކުރަން " ވަޒީރު ވިދާޅުވިއެވެ.
މިހާރު ޤާއިމް ކުރެވިފައިވާ ފެސިލިޓީން އެއްފަހަރާ 4000 ބުޅަލަށް ގެންގުޅެވޭނެއެވެ މިފެސިލިޓީން ފަރުވާދޭނީ އެތަނަށް ގެންދާ ބުޅަލަށް އެކަނި ނޫންކަމަށާއި ޕެޓްގެ ގޮތުގައި އާންމުން ގެންގުޅޭ ބުޅާތަކަށްވެސް ފަރުވާ ދޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ރަމީލާ ވިދާޅުވީ ޕެޓް ކެއަރ ފެސިލިޓީ ގާއިމްކުރީ ހަމައެކަނި ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދާދިނުމުގެ ބޭނުމުގައި ނޫންކަަމަށެވެ. ބުޅަލުގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުން ސަލާމަތް ކުރުމާއި އާންމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަކީވެސް މިފެސިލިޓީ ޤާއިމްކުރުމުގެ ބޭނުމެއް ކަމަށެވެ. އަދި މި ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ދާނަމަ ކުރިއަށް އޮތް މަސްތަކުގައި މިކަމުގެ އެދެވޭ ނަތީޖާ ފެންނާނެކަމަށްވެސް ވިދާޅުވިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ.އައިޝަތު ރަމީލާ ވިދާޅުވީ ފެސިލީޓައް ބުޅާތަައް ގެންދެވި މަސައްކަތް ރަނގަޅަށް ހިނގަން ފެށުމުން އާންމުންގެ ތެރެއިން ބުޅާ އެޑޮޕްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާނެކަމަށެވެ. އަދި ވިޔަފާރި އުސޫލުން ވިއްކުމަށް ރާއްޖޭން ބޭރުން ގެންނަ ބުޅާ ވަކި މުއްދަތެއް ވަންދެން ގެނައުން މަޑުޖައްސާލާނެކަމަށެެވެ. ރާއްޖޭގައި މިވަގުތު ހުރީ ވެޓްގެ ގޮތުގައި ތަމްރީނުވެފައިވާ އެންމެ ދިވެއްސެއްކަމަށެވެ. އެހެންނަމަވެސް މިދާއިރާއިން އިތުރު ދިވެހިން ކިޔަވަންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މުސްތަޤްބަލުގައި މިފެސިލިޓީގައި މަސައްކަތްކުރާނީ މުޅިންވެސް ދިވެހިން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބުޅާތަކަށް ދާއިމީ އިމާރާތް އެޅުމަށް ފިނޭސްއިންވަނީ ހުއްދަ ދީފައިވާ ކަމަށާއި، އަންނަ އަހަރު އިމާރާތް ޑިޒައިން ކުރެވޭނެކަމަށް ދިރޭތަކެއްޗާ ބެހޭ ވަޒީރު ވިދާޅުވިއެވެ. ދާއިމީ އިމާރާތް އަޅާނީ 4 ފަންގިފިލާއަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފެސިލީޓީގައި ބުޅަލުގެ ގްރޫމިންއަށް ސެލޫނަކާއި ބުޅާ ގެންގުޅޭ ފަރާތްތަކުން ދަތުރުދާނަމަ އެނބުރި އަންނަންދެން ފެސިލިޓީއަށްލުމުން ބަލާދިނުމުގެ ޚިދުމަތްވެސް ދެނޭކަމަށްް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ.އައިޝަތު ރަމީލާ ވިދާޅުވިއެވެ.