ޚަބަރު

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވައިފި


  • ނަޞްރުގެ ދުވަހަކީ ރާއްޖެއަށް ދިން ކުއްލި ޢުދުވާނީ ޙަމަލާއިން ނަޞްރު ލިބުނު ދުވަސް

މިއަހަރުގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުންނަށާއި ދިވެހި ސިފައިންނަށާއި ދިވެހި ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.

އަދި 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މާތްވެގެންވާ އިސްލާމްދީނާއި ދިވެހި އުންމަތުގެ ޙައްގުގައި ފުރާނަ ޤުރުބާންކުރެއްވި ޝަހީދުންނަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރު ކުރެއްވުމަށް ޢަބްދުއްރަހީމް ދުޢާ ކުރެއްވިއެވެ.


ނަޞްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު ދިވެހި 6 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން ޢުދުވާނީ ޙަމަލާއިން ދިވެހިންނަށް ނަޞްރު ލިބުން ފާހަގަކުރުމަށެވެ. މިދުވަހު ދިން ހަމަލާގައި 19 ދިވެހިން ޝަހީދުވިއެވެ.

މީގެ ތެރޭގައި ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުން ހިމެނެއެވެ.