ޚަބަރު

މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހެދި ގޯސްތައް ބަލައި އޮޑިޓަރ ޖެނަރަލް ނެރޭ ރިޕޯޓް 2 ހަފްތާތެރޭ ނިންމަނީ


  • ރިޕޯޓް ލިބުމުން މައްސަލައިގައި ކުރިއަށްދާނެގޮތްތަކެއް ނިންމާނެމިއީ މި ސަރުކާރުން ބަލާނެ ކަންކަން

ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާއި ގުޅިގެން ހުރި ސީރިއަސް މައްސަލަތައް ބެއްލެވުމަށްފަހު އޮޑިޓަރ ޖެނަރަލް ނެރޭ ރިޕޯޓު ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި ނިމޭނެކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ މިދިޔަ އަހަރުތަކުގައި ޚަރަދުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރަށް އިތުރަށް ޚަރަދު ނުކުރަން ޤާނޫނުން ލާޒިމްކުރާއިރު އެކަމަކީ ޤާނޫނާއި ހިލާފުކަމެއްކަން ބަންޑާރަނައިބު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، މިކަމާއިމެދު ގޮތެއް ނިންމޭނީ އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓަކަށް ބެލުމަށްފަހުގައިކަމަށެވެ. ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި މި ރިޕޯޓް ނެރެވޭނެކަމަށް މައުލޫމާތުލިބިފައިވާކަމަށް އުޝާމް ވިދާޅުވިއެވެ.

"އޮޑިޓަރ ޖެނެރަލް އަޅުގަނޑަށް މިއަދު މައުލޫމާތުދެއްވީ އެބޭފުޅުން ބޭނުންފުޅުވާ ހުރިހައި މައުލޫމާތެއް އެބޭފުޅުންނަށް ލިބިފައި ހުރިކަމަށް ވިދާޅުވީ. އެބޭފުޅުން ނެރުއްވާ ރިޕޯޓްގެ މަސައްކަތް ކުރިއަށްއޮތް ދެހަފްތާއެއްހައި ދުވަހުގެ ތެރޭގައި ނިންމަވާނެކަމަށް ވިދާޅުވި. އޮޑިޓަރ ޖެނެރަލް ރިޕޯޓް ނެރުއްވީމަ އެ ރިޕޯޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަމަށް ބެލުމަށްފަހު އެ މައްސަލައިގައި ދެން ކުރިއަށްދާނެގޮތްތަކެއް ނިންމާނީ" ބަންޑާރަނައިބު ވިދާޅުވިއެވެ.

ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި އެހާ ބޮޑު ގޯހެއް ހަދާފައިވާއިރު އެއީ މި ސަރުކާރުން އަޅާނުލާ ދޫކޮށްލާނެކަމެއް ނޫންކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވަނީ ވިދާޅުވެފައެވެ.

ކުރިއަތް އޮތްތާނގައި މިފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ޤާނޫނަށް ގެންނަވަންޖެހޭ އިސްލާހުތައް ގެންނަވާނެކަމަށްވެސް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވިއެވެ.