ޚަބަރު

އުންރުވާ މަނާކުރުމުން ޣައްޒާއިން ޝަހީދުވާ ކުޑަކުދިންގެ އަދަދު އިތުރުވާނެ: ޔުނިސެފް


ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އުންރުވާ)ގެ ހަރަކާތްތައް މަނާކުރަން ޒަޔަނިސްޓުންގެ ޤާނޫނު ހަދާ މަޖިލީހުން ނިންމުމާ ގުޅިގެން ޣައްޒާގައި ޝަހީދުވަމުންދާ ކުޑަކުދިންގެ އަދަދު އެތަކެއް ގުނައަކަށް އިތުރުވާނެ ކަމަށް ބުނެ, ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން އިންޒާރު ކޮށްފިއެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދު ކުރުމަށް ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގައި މިހާރު ވެސް އެތަކެއް ހާސް ކުޑަކުދިން ވަނީ ޝަހީދު ކޮށްލާފައެވެ.

އޮކްޓޫބަރު 28ވަނަ ދުވަހު ޒަޔަނިސްޓު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ދަށުން, އިސްރާއީލުގެ އިތުރުން ޔަހޫދީން ވެރިވެގަނެފައިވާ ބިންތަކުގައި ވެސް އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރުން އުންރުވާއަށް މަނާވާނެއެވެ. އޭގެ ތެރޭގައި ޔަހޫދީން އަޅުވެތި ކޮށްފައިވާ ޣައްޒާއާއި ހުޅަނގު އައްސޭރި ވެސް ހިމެނެއެވެ. ޔުނިސެފުން ޤަބޫލު ކުރާ ގޮތުގައި, މިއީ ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ހުރިހާ އެންމެންނަށް އަނިޔާ ދިނުމަށާއި, އަދަބު ދިނުމުގެ ގޮތުން ޔަހޫދީން ނިންމާފައިވާ ނިންމުމެކެވެ.

އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ އިދާރާތަކުގެ ތެރެއިން މި ވަގުތު ޣައްޒާގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޔަހޫދީން ދީފައި އޮތީ މަދު ޖަމުޢިއްޔާއަކަށެވެ. އޭގެ ތެރޭގައި އުންރުވާ ހިމެނެއެވެ. ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުގެ ނިންމުމާ އެކު, ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ 2.3 މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓޭނެއެވެ.

"އުންރުވާގެ މަސައްކަތްތަކަށް ހުރަސް އެޅުމުން, ޣައްޒާގައި އިންސާނިއްޔަތަށް ޓަކައި ކުރަމުންދާ ހުރިހާ މަސައްކަތެއް ހުއްޓޭނެ. [ޔަހޫދީން] މި ކުއްލި ނިންމުމާ އެކު ޣައްޒާގެ އިތުރު ކުޑަކުދިންތަކެއް ޝަހީދު ކޮށްލާނެ ގޮތް އެ މީހުން [ޔަހޫދީން] މި ވަނީ ހޯދާފައި،" ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވިއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކުޑަކުދިންގެ އަދަދު 13,300އަށްވުރެ އިތުރުވާނެ ކަމުގައެވެ. އަދި, ޝަހީދު ކޮށްލާފައިވާ އިތުރު ކުޑަކުދިންގެ ހަށިތައް, ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް ތާށިވެފައިވާ ކަމުގައެވެ.

ބަައިނަލްއަޤުވާމީ އެހެން ޖަމުޢިއްޔާތަކާއި އިދާރާތަކުން ވެސް ވަނީ އުންރުވާ މަނާ ކުރުން ކުށްވެރި ކޮށްފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ތާރިކް ޖަސަރެފީކް ވިދާޅުވީ, ޣައްޒާގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމަށް އެ ޖަމުޢިއްޔާއިން ފަށާފައިވާ ކެމްޕޭނުގައި ހަރަކާތްތެރިވަމުންދާ މުވައްޒަފުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަކީ އުންރުވާގެ މުވައްޒަފުން ކަމުގައެވެ. އަދި, އުންރުވާގެ 1,000އެއްހާ ޞިއްޙީ ޚިދުމަތްތެރިން ޣައްޒާގައި މަސައްކަތް ކުރަމުންދާ ކަމަށާއި, އެ މީހުންނާ ނުލައި އެ ސަހަރުގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވާނެ ކަމުގައެވެ. ހިޖުރަކުރާ މީހުންނާ ބެހޭ ބައިއަލްއަޤުވާމީ އިދާރާ (އައިއޯއެމް)ގެ ވެރިޔާ އޭމީ ޕޯޕް ވެސް ވިދާޅުވީ, އުންރުވާގެ މުވައްޒަފުންނާ ނުލައި އައިއޯއެމްގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމުގައެވެ.

"[އުންރުވާ މަނާ ކުރުމަކީ] ޣައްޒާގެ ހުރިހާ ރައްޔިތުންނަށް އަދަބު ދިނުމުގެ ގޮތުން [ޔަހޫދީން] ނިންމާފައިވާ ނިންމުމެއް،" އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން އދގެ އިންސާނިއްޔަތު ކަމާ ބެހޭ އޮފީހުގެ ތަރުޖަމާނު ޔެންސް ލެޔާކް ވިދާޅުވިއެވެ. ވަކި ބަޔަކު ނުވަތަ ޖަމާޢަތަކުން ކުރި ކުށެއްގެ އަދަބެއްގެ ގޮތުން އެހެން ބަޔަކަށް އަނިޔާ ދިނުމަކީ ހަނގުރާމައިގެ ކުށެކެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން މި ފަދަ ހަނގުރާމައިގެ ކުށްތައް ހިންގަމުންދާއިރު, އެ ކަން ހުއްޓުވަން އދގެ ސަލާމަތީ މަޖިލީސް އޮތީ ނުކުޅެދިފައެވެ. ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުރަސް އަޅަމުން ދަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,061އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 101,223 މީހުން ޒަޚަމު ކޮށްލާފައެވެ.