ޚަބަރު

ޣައްޒާގެ ގެއަކަށް ބޮންއަޅައި 93 މީހުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ އުތުރުގައި އޮންނަ ބަޔިތު ލާޙިޔާގައި ހުންނަ ގެއަކަށް ޔަހޫދީ ފައުޖުން ނުރައްކާތެރި ޙަމަލާއެއްދީ, 93 މީހުން ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ބޮންއަޅާފައިވާ ފަސް ބުރިއަށް ނަގާފައިވާ އިމާރާތަކީ އަބޫ ނަޞްރު ޢާއިލާގެ މެންބަރުން ދިރިއުޅެމުން ދިޔަ އިމާރާތެވެ. އެ ނިރުބަވެރި ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 25 ކުޑަކުދިން ހިމެނޭ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

އެ ވުޒާރާއިން ބުނީ, އަބޫ ނަޞްރު ޢާއިލާގެ މެންބަރުން ދިރިއުޅޭ ގެއަށް ޙަމަލާ ދިން ވަގުތު, ގެދޮރު ނެތިކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔަކު އެ ގޭގައި ދިރިއުޅެމުން ދިޔަ ކަމުގައެވެ. އަދި, ސުންނާފަތި ކޮށްލާފައިވާ އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކޮށް, ޝަހީދު ކޮށްލާފައިވާ އިތުރު މީހުންގެ ހަށިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

"ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދު ކޮށްލާފައި - ގެދޮރު ނެތިކޮށްލާފައިވާ ގިނަ އަދަދެއްގެ ބަޔަކު އެ ގޭގައި ދިރިއުޅޭ. އެ ގެއަށް [ޔަހޫދީ ފައުޖުން] ބޮންއަޅާފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި. ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ, ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް, ފާރުތަކުގައި އެލިފައި އެ ވަނީ ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިގަނޑުގެ ގުނަވަންތައް," އަބޫ ނަޞްރު ޢާއިލާ ދިރިއުޅޭ އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ އިސްމާޢީލް ޢުވޫޟާ ބުންޏެވެ.

"އެ މީހުން އެ އުޅެނީ ކުޑަކުދިންނާއި އަންހެނުން ޝަހީދު ކުރަން, މި ސަރަޙައްދުގައި [ޔަހޫދީ ފައުޖާ ކުރިމަތިލައި] ހަނގުރާމައެއް ނުކުރޭ, ހަމައެކަނި ފެންނަނީ އިސްރާއީލުގެ ނަރަކަވަންތަވެރި ބޮންތައް މަތިން އަޅަމުންދާ މަންޒަރު،" ބަޔިތު ލާޙިޔާގައި ދިރިއުޅޭ 60 އަހަރުގެ ޢާދިލް ބުންޏެވެ. ބަޔިތު ލާޙިޔާގައި ދިރިއުޅޭ އެހެން ރައްޔިތަކު ބުނީ, ޔަހޫދީ ފައުޖުގެ ބޮންތަކާއި މިސައިލްތަކުގެ ސަބަބުން ޝަހީދުވަމުންދާ މީހުންގެ އަދަދާ އެއްވަރަށް, ޞިއްޙީ ފަރުވާ ނުދެވިގެން ވެސް މީހުން ޝަހީދުވަމުންދާ ކަމުގައެވެ. ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް, އެ ސަހަރަށް ބޭސްފަރުވާގެ ސާމާނު އެތެރެ ކުރަން ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ.

ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ދުނިޔޭގެ ނަޒަރު ހުއްޓިފައި މި ދަނޑިވަޅުގައި, މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގެ ދަށުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ޔަހޫދީ ފައުޖުން ދަނީ އިތުރު ކުރަމުންނެވެ. ނުރައްކާތެރި ކުރަމުންނެވެ. މި ވަގުތު އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދެމުން ދަނީ ޣައްޒާގެ އުތުރުގެ ސަރަޙައްދުގައި އޮތް ބަޔިތު ލާޙިޔާގެ އިތުރުން ބަޔިތު ހާނޫނާއި ޖަބާލިޔާ ރެފިއުޖީ ކޭމްޕަށެވެ. އެ ސަރަޙައްދުގައި 100,000އަށްވުރެ ގިނަ މީހުން ވަނީ ތާށިވެފައެވެ.

އަބޫ ނަޞްރު ޢާއިލާ ދިރިއުޅޭ އިމާރާތަށް ބޮންއެޅުމަށް ފަހު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޔަހޫދީ ފައުޖުން ވަނީ ބަޔިތު ލާޙިޔާގައި ޢާންމުން ދިރިއުޅޭ އެހެން ގެއަކަށް ވެސް ބޮންއަޅާފައެވެ. އަލް-ލަވްޙު ޢާއިލާގެ މެންބަރުން ދިރިއުޅެމުން ދިޔަ ގެއަށް ދިން ނިރުބަވެރި ޙަމަލާތަކުގައި 19 މީހުން ޝަހީދު ކޮށްލާފައިވާއިރު, އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެެއެވެ. އިންސާނީ ހައްޤުތަކާ ބެހޭ އދގެ އޮފީހުން ވަނީ މި ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޣައްޒާގެ އުތުރުގެ ރަށްތައް ވަށައިލައި ބަންދުކޮށްލުމަށް ފަހު, އެ ރަށްތަކުގައި ތާށިކޮށްލާފައިވާ މުސްލިމުންނަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 900އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކުރިއެވެ.

"ޣައްޒާގެ އުތުރު ސިފަ ކުރެވެނީ ނަރަކައެއްގެ ގޮތުގައި - މީހުން ޝަހީދު ކުރުމާއި, އިމާރާތްތައް ސުންނާފަތި ކުރުމަށް ހިންގަމުންދާ އޮޕަރޭޝަނެއް, ވަގުތީ ގޮތުން މީހުން ވަޅުލަން ހަދާފައިވާ ގަބުރުސްތާނުތައް ގިނަވެ ހައިހޫނުކަން ވަނީ ޢާންމުވެފައި،" ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުފައްދާފައިވާ އދގެ އިދާރާ (އަންރްވާ)ގެ ތަރުޖަމާނު ޢަދްނާން އަބޫ ޙަސަނާ ވިދާޅުވިއެވެ. ޒަޔަނިސްޓު އިސްރާއީލާއި ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ހަރަކާތްތެރިވުން ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ އަންރްވާއަށް މަނާކޮށްފައެވެ.

އދގެ އިދާރާ, ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ, ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާނާ ގުޅިގެން ޣައްޒާއިން ކާބޯތަކެތި ހުސްވެ, ހައިހޫނުގައި ޖެހިފައިވާ މީހުންގެ އަދަދު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ. އަދި, އެ ކަން ހުއްޓުވޭނީ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރުމަށް ކުރިމަތިކޮށްފައި އޮތް ހުރަސްތައް ނައްތައިލައިގެން ކަމުގައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގެ ރައްޔިތުންގެ އިންސާނިއްޔަތު ކަމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމުގެ އިންޒާރު ވެސް އެ ޖަމުޢިއްޔާއިން ދިނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,061އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 101,223 މީހުން ޒަޚަމު ކޮށްލާފައެވެ.