ޚަބަރު

އެމްޑީޕީ ސަރުކާރުން ކޮމިޝަންތަކަށް އައްޔަންކޮށްފައިތިބި މީހުންގެ ފަރާތުން ޕްރޮފެޝަނަލްކަމެއް ނުފެނޭ: ނާޒިމް


  • އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ދެނީ ރައީސުލްޖުމްހޫރިއްޔާއަށް

  • ގިނަ މެންބަރުން އިޞްލާހަށް ތާޢީދުކުރޭ

މިދިޔަ ސަރުކާރުން މިނިވަން ކޮމިޝަންތަކަށް އައްޔަންކޮށްފައިތިބި މެންބަރުންގެ ފަރާތްޕުޅުން ޕްރޮފެޝަނަލްކަން ފެންނަން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަންސްގެ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާގޮތަށް ބަދަލުކުރަން ޤާނޫނުތަކަށް ވަނީ އިޞްލާހު ހުށައަޅާފައެވެ. އެ އިޞްލާހުތަކުގެ ތެރެއިން މިއަދުގެ ޖަލްސާގައި ބަހުސް ކުރިއަށް ގެންދެވީ އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ޤާނޫނަށް އިޞްލާހު ގެނައުމުގެ ބިލަށެވެ.

ބިލުތަކުގައިވާގޮތުން އެއިސްލާހު ގެނައުމަށް ނިންމާފައިވަނީ މުސްތަޤިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން އެކޮމިޝަނެއްގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގައި އަމަލުކުރަމުންދާ އުސޫލު އެއް ހަމަކުރުމެވެ.

މި އިސްލާހުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮމިޝަނުގެ ރައީސާއި ނައިބުރައީސް އައްޔަންކުރައްވާނީ އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާ ނަން ދިރާސާކޮށް މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށްވެސް ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ އެ އިޞްލާހަށް ތާޢީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ނާޒިމް ވިދާޅުވީ ކުރީ ސަރުކާރުން ޖޭއެސްސީގެ ރައީސް އައްޔަންކުރުމަށް މިގޮތަށް އަމަލުކޮށްފައިކަމަށެވެ. އެގޮތުން ޖޭއެސްސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ ވާހަކަފުޅުގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭސީސީގެ ފަސް މެންބަރުން މަޤާމުން ވަކިކުރައްވާ އައު މެންބަރުން އައްޔަންކުރެއްވިކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އޭސީސީން، އެ ކޮމިޝަންގެ ޒިންމާ އަދާކުރާކަން ރައްޔިތުން ޤަބޫލު ނުކުރާކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ބެލޭނެ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން މަސައްކަތްކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި ކޮމިޝަނުގެ ރައީސް އައްޔަންކުރުމުގެ ބާރަކީ ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަށް ލިބެންޖެހޭ ބާރެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވަނީ އެކަމުގެ ބައެއް މިސާލުތައްވެސް ދައްކަވާފައެވެ.

"މިދިޔަ ސަރުކާރުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސާމެދު އެކޮމިޝަނުގައި ތިއްބެވި ބައެއް މެންބަރުން، ތިން މެބްވަރުން އެކައްޗެއް ކިޔައިގެން އެއް ގްރޫޕެއްގޮތަށް އެ ޖަލްސާތަކަށް ޙާޒިރުނުވެ ކޯރަމް ނުލިބި، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ހައިޖެކްވި މަންޒަރުވެސް ފެނިގެންދިޔަ، އެހެންވީމަ އެ މަންޒަރު އަޅުގަނޑުމެން ތަކުރާރުވިޔަ ދޭކަށް ބޭނުމެއް ނޫން. ވަރަށް ކައިރި މާޒީގައި ދިމާވި ބައެއް ކަންކަމަުގެ މިސާލު އަޅުގަނޑު މި ދެއްކީ. ފުއާދު އެކަހެރިކޮށްލާ ތިން މެންބަރުން އިލެކްޝަންގެ މަސައްކަތަކަށް ހުރަސްއެޅިތަން ފެނުނު." ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައިސް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދިނުން މުހިންމުކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކޮމިޝަންތަކަށް އައްޔަންކުރައްވާފައި ތިއްބެވި ބޭފުޅުންނަކީ ޕްރޮފެޝަނަލް މީހުންކަމަށް ފެނިވަޑައި ނުގަންނަވާކަމަށެވެ.

""އަޅުގަނޑު އެދެނީ އެންޓި ކޮރަޕްޝަންގެ މެންބަރުން، ހިހޫތަނުން ކާލައިގެން އެއްވެސްކަމެއް ނުކުރެވޭގޮތަށް ޖާގަ ދޭގޮތަށް ހުންނަކަހަލަ ރައީސެއް އެތަނަށް ލައިގެން އަނެއްކާވެސް، މި ފަސްއަހަރު ކޮރަޕްޝަން ހިނގަން ދޫކޮށްލީމަކާ އަޅުގަނޑުމެންނަށް އެތަން ބަލާކަށް ނުތިބެވޭނެ." ނާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ، ޕީއެންސީއަށް ރައްޔިތުން މަޖިލީހުގެ ސުޕަރ މެޖީރިޓީ ދިނީ ޤައުމުގެ ކަންކަން އިސްލާހުކުރުމަށްކަމަށެވެ. މިހާތަނަށް ޤައުމުގެ ކޮރަޕްޝަންގެ ކަންކަން ހުއްޓޭ ތަން ނުފެންނަކަމަށާއި، ކޮރަޕްޝަންގެ ކަންކަން ހުއްޓުވޭތަން ނުފެންނަކަމަށެވެ. މިސާލެއްގެ ގޮތުން ނާޒިމް ވިދާޅުވީ އެފްއެމްއޭގައި ބޮޑު ކޮރަޕްޝަންތަކެއް ހިނގިއިރުވެސް އެކަން އޭސީސީއަށް ހުއްޓުވިފައި ނެތްކަމަށެވެ.

ޤާނޫނު މިހާރު އޮތްގޮތުން އޭސީސީ އަދި އިލެކްޝަންސް ކޮމިޝަނަށްވެސް ރައީސާއި ނައިބު ރައީސް އައްޔަން ކުރަނީ އެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އޭސީސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާގޮތުން އެ ކޮމިޝަންތަކުގެ ރައީސުން އިސްތުފާދޭން ބޭނުންވެއްޖެނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ކޮމިޝަނަށެވެ. އަދި ނައިބު ރައީސް އިސްތިއުފާދޭން ބޭނުންވާނަމަ ސިޓީ ހުށަހަޅާންޖެހޭނީ ކޮމިޝަނުގެ ރައީސަށެވެ.

ނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައިވާގޮތުން ދެ ކޮމިޝަނުގެވެސް ރައީސާއި ނައިބު ރައީސް އިސްތިއުފާދޭނަމަ އެކަން ހާމަކޮށް ސިޓީ ހުށަހަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.