ޚަބަރު

ދިވެހި ޑޮކްޓަރުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ


އައިޖީއެމްއެޗްގައި އެއްވެސް ތަފާތު ކުރުމެއް ނެތި ދިވެހި ޑޮކްޓަރުންނަށް މަސައްކަތްކުރުމުގެ ފުރުޞަތު އެބައޮތްކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުން މިހެން ވިދާޅުވީ ކާޑިއޮލޮޖިސްޓުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު އެ ހޮސްޕިޓަލްގައި ނެތްކަމަށް ދޭހަވާގޮތަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، އެ ހޮސްޕިޓަލުން ޑޮކްޓަރުންގެ މަޤާމްތަކަށް މުވައްޒަފުން ހަމަޖައްސަވަނީ އެފަދަ މަޤާމްތަކަށް މީހުން ހަމަޖެއްސެވުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލައްވާފައިވާ ޚާއްޞަ އޮނިގަނޑަށް ފެތޭގޮތަށްކަމަށެވެ. އަދި މިއޮނިގަނޑުގައި ހިމެނޭ މަޤާމްތަކުގެ ޝަރުތުތައް ކަނޑައަޅުއްވާފައިވަނީ މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރައްވާ ސަނަދުތަކަކާއި ޢަމަލީ ތަޖުރިބާގެ މައްޗަށް ބިނާކުރައްވައިގެން ކަމަށްވެސް އައިޖީއެމްއެޗްގެ ބަޔާނުގައިވެއެވެ.

ކޮންމެ ޑޮކްޓަރަކުވެސް ޙާޞިލްކުރައްވާފައިވާ ސަނަދާއި މަސައްކަތުގެ ތަޖުރިބާއަށް ބައްލަވައި، މޯލްޑިވްސް މެޑިކަލް ކައުންސިލުން މިންކުރައްވާގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަންގެ ޑޮކްޓަރުންގެ އޮނިގަނޑުގެ ތެރެއިން ހަމަޖެހެން އޮންނަ މަޤާމަށް ޑޮކްޓަރުންނަށް ހަމަޖައްސައިދެއްވާނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އަދި އެއްވެސް ތަފާތު ކުރުމެއް ނެތި އެފުރުޞަތު މިހާރުވެސް ދިވެހި ހުރިހާ ޑޮކްޓަރުންނަށް އޮންނާނެ ކަމަށްވެސް އައިޖީއެމްއެޗުން މިއަދު ނެރުއްވި ބަޔާނުގައިވެއެވެ.