ސްޓްރާޓާ މެނޭޖްމަންޓް ކޯސްތައް ނުވަތަ އެއްމެދު އިމާރާތް ބެލެހެއްޓުމާ ބެހޭ ސެޓްފިކެޓް ލެވެލްގެ ކޯސްތައް ފަރުމާކޮށް ހިންގަން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ސްޓްރާޓާ މެނޭޖްމަންޓް ނުވަތަ އިމާރާތާއި ގެދޮރާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި ބެހޭ ދާއިރާއިން، ކޯސްތައް ފަރުމާކޮށް، ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނުކުރުމަށް އަމާޒުކޮށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ސެޓްފިކެޓް ލެވެލް 3އާއި 4ގެ ކޯސްތައް ފަރުމާކޮށް ހިންގަން ވި މިއެއްބަސްވުމުގައި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ، އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ޒަހުރާ މުޙައްމަދެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހުރާ ވިދާޅުވީ، ރާއްޖޭގައި އެއްމެދު އިމާރާތްތައް އިތުރުވަމުންދާ ކަމަށާއި، އާއިލާއެއް އެއް އިމާރާތެއްގައި އުޅޭއިރު ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރަ އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ މީހުން ދިވެހިންގެ ތެރޭގައި މަދުކަމަށެވެ. އަލަށް ފަށާ ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން އެފަދަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ. ޒަހުރާ ވިދާޅުވިއެވެ.
ޒަހުރާ ވިދާޅުވީ ސްޓްރާޓާ މެނޭޖްމަންޓް ކޯސްތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި މިއީ ރައީސްގެ ވައުދެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޒަހުރާ ވިދާޅުވީ ރައީސްގެ މިވައުދު ފުއްދުމަށް މިއަހަރުގެ ކުރީކޮޅު ކުރުމުއްދަތެއްގެ ކޯހެއް ފަރުމާކޮށް ހިންގާފައިވާކަމަށެވެ.
"ސްޓްރާޓާ މެނޭޖްމަންޓް ދާއިރާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅުގާވެސް ވިސްނުންތެރިކަމާއެކު އިސްކަމެއް ދެއްވިކަމީ އެމަނިކުފާނަށް ޝުކުރު އަދާކުރަން ޖެހޭނެ މުހިންމު ކަމެއް" އެމްއެންއެސްޑީއޭގެ ސީއީއޯ ޑރ. ޒަހުރާ މުޙައްމަދު ވިދާޅުވިއެވެ.
ޒަހުރާ ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި އާންމުކޮށް ކުރިއަށް ދަނީ ޓިވެޓް ޕްރޮގްރާމްތައްކަމަށާއި މިހާރުވެސް 165 ޕްރޮގްރާމް ކުރިއައް ދާކަމަށެވެ. އަދި މިއަހަރު ނިމޭއިރު 18 ޑިޕްލޮމާ ޕްރޮގްރާމް އިތުރުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެންޔޫއާއި ހައުސިން މިނިސްޓްރީ ގުޅިގެން މިއަހަރު ކުރީކޮޅުވެސް މިފަދަ ކޯހެއްވަނީ ހިންގާފައެވެ. މިއީ އެއްމެދު އިމާރާތް ބެލެހެއްޓުމާ ބެހޭ ސްޓްރާޓާ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ހިންގާ ފުރަތަމަ ފަހަރެވެ.
ސްޓްރާޓާ މެނޭޖްމަންޓް ކޯސް ފަރުމާކޮށް ހިންގަން ބޭނުންވާ ފައިސާ ހަމަޖައްސައިދެނީ ވޯލްޑް ބޭންކުގެ އެންހޭންސިންގ އެމްޕްލޮޔެބިލިޓީ އެންޑް ރެޒިލިއެންސް ފޯރ ޔޫތު (މީރީ) ޕްރޮޖެކްޓުގެ ފަންޑުންނެވެ.