ހަނގުރާމައިގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ވިޔަސް ނުވަތަ އެހެން މަޤްޞަދެއް ޙާޞިލްކުރަންވެސް އިންސާނަކަށް ފެނާއި ކާބޯތަކެތި ލިބެންހުރި މަގުތަކަށް ހުރަސް އެޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިޓަލީވިލާތުގައި ކުރިއަށްދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވަނީ، ހަމަނުޖެހުންތަކާއި، ހަނގުރާމަތައް ހިންގަމުންދާ ސަރަޙައްދުތަކުގައި ފެނާއި، ކާބޯތަކެއްޗަކީ ހަނގުރާމައިގެ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. ޚާއްސަގޮތެއްގައި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާނާއާއި، ފެނާއި، ބޭސްފަރުވާފަދަ އަސާސީ ޚިދްމަތްތައް ދާއިމީގޮތެއްގައި ފޯރުކޮށްދިނުމަށް އދގެ ކާނާއާއި ދަނޑުވެރިކަމާބެހޭ ޖަމްޢިއްޔާ (އެފްއޯއޭ) އާއި ކަމާގުޅުންހުރި އެހެނިހެން ބައިނަލްއަޤްވާމީ އިދާރާތަކުން މަސައްކަތް ކުރުމަށް ގޮވާލާ ކުވައިތުން ހުށައެޅި ހުށައެޅުމަށް ވަޒީރު ތާޢީދުކުރެއްވިއެވެ.
ޑރ. ރަމީލާގެ ވާހަކަފުޅުގައި ފެނާއި ކާބޯތަކެއްޗަކީ އަސާސީ ޙައްޤެއްކަން ފާހަގަކުރައްވަމުން ވަނީ، ހަނގުރާމައިގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ވިޔަސް ނުވަތަ އެހެން މަޤްޞަދެއް ޙާޞިލްކުރަންވެސް އިންސާނަކަށް ފެނާއި ކާބޯތަކެތި ލިބެންހުރި މަގުތަކަށް ހުރަސް އެޅުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުވައިތުގެ ހުށަހެޅުން އެކޮމިޓީން ފާސްކުރާ ރިޕޯޓުގައި ހިމެނުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދު ކުރާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ގިނަ ޤައުމުތަކުން ވަނީ ކުވައިތުގެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ. އެގޮތުން މިހުށަހެޅުމަށް ސީދާގޮތުން އެއްވެސް ޤައުމަކުން ދެކޮޅު ހަދާފައިނުވާއިރު، އެ ކޮމިޓީގެ ޗެއަރ ޕާސަން ވަނީ އެހުށަހެޅުން ކޮމިޓީގެ ރިޕޯޓުގައި ހިމެނުމަށް ނިންމަވާފައެވެ.
ރޯމްގައި މިމަހުގެ 21 އިން 25އަށް ކުރިއަށް ގެންދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޒީރު ޑރ. އައިޝަތު ރަމީލާ އިޓަލީ ވިލާތަށް ކުރައްވާ ދަތުރު ފުޅުގައި ވަނީ އިޓަލީ ވިލާތުގެ ލާޒިއޯ ރީޖަންގެ ރައީސް އެންޓޮނެއްލޯ އޮރިގެއްމާ އާއި ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އިޓަލީވިލާތުން، ޚާއްޞަކޮށް ލާޒިއޯ ރީޖަންގެ މައި އިދާރާ މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ފެނާއި ބިމުގެ ވަޞީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކޮށްގެން، ރާއްޖޭގެ ބިމުން ދަނޑުވެރިކަމަށް ބޭނުންކުރެވެންހުރި ބިންކޮޅުގެ އެންމެ ފުރިހަމަ ބޭނުން ހިފުގާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.