ޚަބަރު

މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތައް ބަލައި ފިޔަވަޅު އަޅާނެ: ބަންޑާރަނައިބު


  • ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތައް ސަރުކާރުން އަޅާނުލާ ދޫކޮށްނުލާނެ

ވޭތުވެދިޔަ ދެތިން އަހަރު ނިޒާމީ ގޮތުން ދައުލަތުގެ ޚަރަދު ރެކޯޑުކުރަމުން ދިޔަ ގޮތާއި ގުޅިގެން ހުރި ސީރިއަސް މައްސަލަތައް ބެއްލެވުމަށްފަހު އޮޑިޓަރ ޖެނަރަލް ރިޕޯޓު ނެރުއްވުމާއެކު އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމަށް ބަންޑާރ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނާއިބު މިހެން ވިދާޅުވީ ފިނޭންސް މިނިސްޓަރާއި ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާލީ ވަޒީރު ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރަށް ދެ ބިލިއަން ރުފިޔާ މިދިޔަ އަހަރުތަކުގައި ޚަރަދުކޮށްފައިވާކަމަށެވެ. އެކަމާއި ގުޅިގެން ބަންޑާރަ ނައިބް އަޙްމަދު އުޝާމް ވިދާޅުވީ ކުރީގެ ސަރުކާރުން ބިލިޔަނުން ފައިސާ ޚަރަދުކުރުމަށްފަހު، މާލީ ވުޒާރާގެ ސިސްޓަމްގެ ތެރެއިން އެކައުންޓް ނުކުރެވިވާ ކަމަށެވެ.

އަދި މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރަށް އިތުރަށް ޚަރަދު ނުކުރަން ޤާނޫނުން ލާޒިމްކުރާއިރު އެކަމަކީ ޤާނޫނާއި ހިލާފުކަމެއްކަން އުޝާމް ފާހަގަކުރެއްވިއެވެ.

އުޝާމް ވިދާޅުވީ މި އަހަރު އެ ފައިސާ ރެކޯޑް ކުރެއްވިއްޖެނަމަ އެއީ ޤާނޫނާއި ހިލާފުކަމަކަށްވާނެ ކަމަށާއި ކުރީ ސަރުކާރުން ޚަރަދުކުރި އަދަދު ސީދާ އަދަދު ނޭނގުނަސް 2 ބިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައިވާކަން ކަށަވަރުވާ ކަމަށެވެ.

"މި މައްސަލަ އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވޭ، ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ރިޕޯޓް ފޯރުކޮށްދޭނެ. އެ އޮފީހުން އެއަށްފަހު ރިޕޯޓަށް ބިނާކޮށް އަޅާނެ ފިޔަވަޅުތައް ނިންމާނީ. މާލިއްޔަތު ޤާނޫނާއި ހިލާފަށް ކަންކަން ކޮށް ހިސާބު ބެލެހެއްޓުމުގައި ގޯސް ހަދާފައިވަނީ. އެ ފަރާތްތަކުގެ މައްސަލަ ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން" ބަންޑާރަނައިބު ވިދާޅުވިއެވެ.

ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވީ ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި އެހާ ބޮޑު ގޯހެއް ހަދާފައިވާއިރު އެއީ މި ސަރުކާރުން އަޅާނުލާ ދޫކޮށްލާނެކަމެއް ނޫންކަމަށެވެ.

ކުރިއަތް އޮތްތާނގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ޤާނޫނަށް ގެންނަވަންޖެހޭ އިސްލާހުތައް ގެންނަވާނެކަމަށްވެސް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވިއެވެ.