ޚަބަރު

ޗައިނާ ފަތުރުވެރިންގެ އަދަދަށް %45ގެ ކުރިއެރުމެއް، ވާދަވެރި އެހެން ޤައުމެއްވެސް ނެތް


  • ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން

  • 233،000އަށްވުރެ ގިނަ ފަތުރުވެރިން އެޤައުމުން އައިސްފައިވޭ

  • މިއީ ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދަށްވުރެ 61،190 އިތުރު އަދަދެއް

މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 233،332 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އެޤައުމުން ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަށްވުރެ %45 އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމުކަމަށްވާ ޗައިނާ މަރކެޓުގެ ހިއްސާއަކީ %14.8އެވެ. މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 233،332 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިމަހުގެ 16 ދުވަސްތެރޭ އެޤައުމުން ރާއްޖެއަށް ވަނީ 12،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، އެޤައުމާއި ގާތްކުރާ އެންމެ ޤައުމެއްވެސް ނެތެވެ. ރާއްޖެއަށް 2ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކީ ރަޝިއާއެވެ. ރަޝިއާއިން އަހަރުގެ މިހާތަނަށް އައިސްފައިވަނީ 172،142 ފަތުރުވެރިންނެވެ. އެހެންކަމުން ޗައިނާއިން އައިސްފައިވާ ފަތުރުވެރިންގެ އަދަދުގެ ފަރަޤަކީ 61،190އެވެ.

ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،573،991 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 1،437،220 ފަތުރުވެރިންނާއި އަޅާ ބަލާއިރު %9.5 އިތުރު އަދަދެކެވެ.

އަދި މިމަހުގެ މިހާތަނަށްވެސް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮކްޓޫބަރުމަހާ އަޅާ ބަލާއިރުވަނީ %7.6 އިތުރުވެފައެވެ. އެގޮތުން މިމަހު 81،964 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 76،172 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،123 ފަތުރުވެރިން އާދެއެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަމާޒު މިއަހަރުގެ ޑިސެމްބަރުމަހުގެތެރޭގައި ހާސިލްކުރެވޭނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ލަފާކޮށްފައެވެ.