ޚަބަރު

ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އަޅަން މަޝްވަރާކޮށްފި


  • ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކޮށް، ކޯޓުގެ ހުކުމްތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރެތޯ ބަލާނެ ކްލައިންޓަކަށް ފަރުވާގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ގާތުން މަސައްކަތްކުރާނެ

ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވި ފަރުވާ ތަންފީޛު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މީގެއިތުރުން އެން.ޑީ.އޭގެ ޓެކްނިކަލް ކޮމިޓީއާއި ޑްރަގް ކޯޓާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އެދެވޭ ނަތީޖާ ނެރުމަށްޓަކައި ދެފަރާތުން ކުރަންޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުންވެސް ޚިޔާލުބަދަލުކޮށްފައެވެ. އަދި ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުރިހަމަކޮށް، ކޯޓުން ކުރާ ޙުކުމް ތަންފީޒު ކުރެވޭތޯ ބެލުމުގެ އިތުރުން ކޮންމެ ކްލައިންޓަކަށް ފަރުވާގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި އިތުރަށް ގާތުން މަސައްކަތްކުރާ ނިޒާމުތައް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ހައްލުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައަށް ނެރުމަށް ޚާއްޞަ ސިޔާސަތުތަކެއް އަންނަނީ އެކަށައަޅަމުންނެވެ.

އެގޮތުން ފަރުވާފުރިހަމަކޮށް މުޖުތަމަޢުއަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ފަރާތްތަކާއި އެކު މަޝްވަރާކޮށް މިފަރާތްތަކާއި އެކު އެއްބަސްވުންތަކުން ސޮއިކުރުމުގެ މަސައްކަތްވެސް އެންޑީއޭއިން ވަނީ ފަށާފައެވެ. މީގެ އިތުރުން
ރީއިންޓަރގްރޭޝަން އަދި އާފްޓަރ ކެއަރގެ މަސައްކަތް ފުޅާކޮށް އެންޑީއޭގެ ފަރުވާ ޕްރޮގްރާމްތައް ފުރިހަމަކުރަމުންދާ ފަރާތްތަކާއި އަދި ފަރުވާ ފުރިހަމަކޮށް މުޖުތަމަޢުއަށް ދޫކުރެވޭ ފަރާތްތައް މޮނިޓަރ ކުރުމުގެ މަސައްކަތްވެސް އެ އެޖެންސީއިން ފަށާފައެވެ.

އެންޑީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު މަސްތުވާތަކެތިން ސަލާމަތްވުމަށް ދޭ ޑުރަގް ރިހެބިލިޓޭޝަން ފަރުވާ ފާއިތުވި 6 މަސްދުވަހު 400 އަށްވުރެ ގިނަ މީހުންނަށް ފޯރުކޮށްދީފައިވެއެވެ.