ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް


  • 3 ތަނެއް ބަލާ ފާސް ކުރި

  • ބަލާ ފާސްކޮށްފައިވަނީ ކެފޭ އާއި ޓޭކްއަވޭ ތަންތަން

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި 3 ތަނެއް ބަލައި ފާސްކޮށް 2 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މީހުން ރާއްޖޭގައި އުޅެމުންދިޔައީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށްކަމަށެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އަލުން މިވަނީ ފަށާފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މަސައްކަތް ކޮންމެވެސް ވަރަކަށް މަޑު ޖައްސާލަންޖެހުނީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ހުރި ޖާގަތައް ފުރިގެންކަމަށެވެ. އެއީ 200 މީހުންގެ ޖާގައިގެ ތަނެއްކަމުން މީގެކުރިން ހިންގި އެކި އޮޕަރޭޝަނުގައި އެ ޢަދަދަށް މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުމާއި ގުޅިގެން އެމީހުން ފުރުވާލެވެންދެން އޮޕަރޭޝަން ކޮންމެވެސް ވަރަކަށް މަޑުޖައްސާލީކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.