ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން މަރުޙަބާ ކިޔައިފިއެވެ.
ޑަބްލިޔުއެޗްއޯއިން މިކަން ހާމަކޮށްފައިވަނީ އެ ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް ޚައްސަ އޮފީހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
އެ ޖަމުއިއްޔާއިން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ވޭޕް ބޭނުންކުރާ މީހުންގެ ނިސްބަތް އިތުރުވަމުންދާއިރު އަދި ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވޭޕް ބޭނުންކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ރާއްޖޭން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. 2019ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭއިން ދައްކާގޮތުގައި ދިވެހިރާއްޖޭގައި 13 އަހަރާއި 15އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން އީ-ސިނގިރޭޓު ބޭނުންކުރާ ކަމަށް ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ އޮފީހުން ކުރި ޕޯސްޓުގައި ބުންޏެވެ.
އީ-ސިނގިރޭޓާއި ނިކޮޓިން އަދި ދުންފަތް ހިމެނޭ ތަފާތު އައު ބާވަތްތައް މިސަރަހައްދުގައި އިތުރުވާކަމަކީ ކަންބޮޑުވުމެއް ކަމަށްވެސް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ފާހަގަކުރެއެވެ.
ދުންފަތުގެ ހުރިހާ ބާވަތަކީވެސް އިންސާނާގެ ހަށިގަނޑަށް ގެއްލުންދޭ ތަކެތި ކަމަށާއި އޭގެސަބަބުން ކެންސަރާއި ހިތުގެ ބައްޔާއި ފުއްޕާމޭގެ ބަލިތައް އަދި ހަކުރު ބަލިފަދަ ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮންނަކަންވެސް އެ ޖަމުއިއްޔާއިން ފާހަގަކުރެއެވެ.
Congratulations #Maldives 🇲🇻 for announcing a ban on vaping. An important initiative to arrest the worrying trend of increase in vaping, specially among young adolescents. As per the 2019 Global Youth Tobacco Survey, 23.1% boys and 10.7% girls in the age group of 13 to 15 years… https://t.co/mffmWgYZL2
— World Health Organization South-East Asia (@WHOSEARO) October 15, 2024
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15ވަނަ ދުވަހުން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ނިންމެވުމަށް މަރުޙަބާ ކިޔައިފައެވެ. މީގެ ތެރޭގައި ސިޔާސީ އިސް ފަރާތްތަކާއި ސިއްޙީ ދާއިރާގެ ބޭފުޅުންނާއި ތަޢުލީމީ ދާއިރާގެ ބޭފުޅުން ހިމެނެއެވެ.