ޚަބަރު

އޮޑިޓް އޮފީހަށް އަންނަ އަހަރަށް 114 މިލިޔަން ރުފިޔާގެ ބަޖެޓެއް ކޮމިޓީން ފާސްކޮށްފި


  • އޮޑިޓް އޮފީހުގެ ގާބިލުކަން އިތުރުކުރަން އެކަށީގެންވާ ބަޖެޓެއް ދޭންޖެހޭ

އަންނަ އަހަރަށް ލަފާކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ޤާނޫނުގައިވާގޮތުން ކުރިއަށް އޮތް އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ހުށަހެޅުމުގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަންޖެހެއެވެ.

އޮޑިޓް އޮފީހުގެ ބަޖެޓު ފާާސްކުރުމަށް ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެއޮފީހުން އަންނަ އަހަރަށް ހުށަހެޅީ 99.5 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 80.4 މިލިޔަން ރުފިޔާ އާއި ހުޅުމާލޭގައި ހަދާ އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތަށް 19 މިލިޔަން ރުފިޔާއެވެ.

ބަޖެޓް ހެދުމަށް އޮޑިޓް އޮފީހުން މާލީ ވުޒާރާގެ ލަފާ ހޯދާފައިވާއިރު އެ އޮފީހުން ވަނީ މުސާރަ ބޮޑުކުރުމަށް ހިމަނާފައިވާ ބަޖެޓު މަދުކުރުމަށް ލަފާ ދީފައެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމީ އެ ބަޖެޓު ކުޑަނުކުރުމަށެވެ.

މެންބަރުން ފާހަގަކުރެއްވި ގޮތުގައި މުސާރަ ކުޑަވުމުގެ ސަބަބުން ތަޖުރިބާހުރި އޮޑިޓަރުން ލިބުމުގައި ދަތިވާކަމުގެ ޝަކުވާ މީގެ ކުރިން އޮޑިޓް އޮފީހުން ވަނީ މަޖިލީހާ ހިއްސާ ކޮށްފައެވެ. އެހެންވެ، އެއީ މުހިންމު ކަމެއް ކަމަށާއި އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މާލީގޮތުން ދަތިކަން ނާންނަވަރުގެ ބަޖެޓެއް ފާސްކުރަންޖެހޭ ކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ޤާނޫނުގައި އޮޑިޓް އޮފީހުގެ ބަޖެޓު ވަކިން ހުށަހެޅުމަށް ބަޔާންކޮށްފައިވަނީ އެ އޮފީހުގެ ޤާބިލުކަން އިތުރުކޮށް އިތުރުބައެއްގެ ނުފޫޒު ނާންނަގޮތަށް ހެދުމުގެ މަގުސަދުގައި ކަމަށެވެ.

ކޮމިޓީގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އޮޑިޓް އޮފީހުން ހުޅުމާލޭގައި އަޅާ އައު އިމާރާތަށް 19 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހެޅި ނަމަވެސް މަޖިލީހުން މާލީ ވުޒާރާގެ ލަފަޔަށް ހުށަހެޅުމުން އެ އަދަދު 34 މިލިޔަން ރުފިޔާއަށް ހެދުމަށް ލަފާ ދެއްވާފައިވާ ކަމަށެވެ. އެހެންވެ، އެ އަދަދު ހިމަނައިގެން 114 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރުމަށް ޝުޖާޢު ވަނީ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ. މި ބަޖެޓް ވަނީ ކޮމިޓީ މެންބަރުންގެ އަޢުލަބިއްޔަތުން ފާސްވެފައެވެ.