ޚަބަރު

އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައިގެ ޚިދުމަތް ފެށުމަށް ތައްޔާރުވަނީ


  • މެޝިނަރީތައް ގެނެވި އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަކީ އަމާޒެއް

  • އެމްއާރްއައި ޚިދުމަތާއެކު އިމަރޖެންސީކޮށް ގެންނަ ފަރާތްތަކުގެ ހާލަތު ދެނެގަނެވި އަވަސް ފަރުވާދެވޭނެ

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރްއައި ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން، ރައްޔިތުންނަށް ލުއިފަސޭހަ ސިއްޙީ ޚިދުމަތެއް ދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ އެންމެ މުހިންމު ސިޔާސަތަކީ މާލެއިން ލިބޭ ޚިދުމަތްތައް އަތޮޅުތަކުގައި ހުރި ހޮސްޕިޓަލުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމެވެ. އަދި ސިއްޙީ ޚިދުމަތަށް ރައްޔިތުން ކުރާ ހޭދަ ކުޑަކޮށް އެޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ނިމުމަކަށް ގެންނެވުމެވެ.

އެގޮތުން މާލެއިން އުތުރުގައި އެންމެ ގިނަ ޚިދުމަތްތަކެއް ދޭ އަދި މި ސަރުކާރުގެ ސިއްޙީ ސިޔާސަތާ އެއްގޮތަށް ކުރިއަރަމުން އަންނަ އެއް ހޮސްޕިޓަލަކީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ. އެގޮތުން އެހޮސްޕިޓަލުގައި ގިނަ ޚިދުމަތްތަކެއް ދަނީ ތައާރަފްކޮށް ހިންގަމުންނެވެ.

އެގޮތުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ވަނީ އެމްއާރްއައިގެ ޚިދުމަތް ފެށުމަށް ތައްޔާރުވެފައެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާދު ދެއްވަމުން އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރ ހުސައިން އާސިފް ވިދާޅުވީ އައު ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަކީ އަމާޒެއްކަމަށެވެ. އެގޮތުން އެމްއާރްއައި ޚިދުމަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އާސިފް ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ މެޝިނަރީ ގެނެސް އިންސްޓޯލްކޮށް އިތުރު އާލާތްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ އެމްއާރްއައި ޚިދުމަތަކީ އުނގޫފާރު ރައްޔިތުންގެ އިތުރުން އަތޮޅުގެ ރައްޔިތުންގެވެސް އެދެމުންދާ މުހިންމު ޚިދުމަތެއްކަމަށެވެ. އަދި މިހާރުވެސް ގިނަ ފަރާތްތަކެއް މިކަމަށް އެދި ނަން ނޯޓް ކުރަމުންދާކަމަށް އާސިފް ވިދާޅުވިއެވެ.

" މިއީ ހަގީގަތުގައި ވަރަށް މުހިންމު ޚިދުމަތެއް. އަތޮޅުގެ ފަރާތްތަކުންވެސް ވަރަށް އެދެމުންދާ ކަމެއް. މިއީ ހާސިލްވާނެ މުހިންމު މަސައްކަތެއް. ހޮސްޕިޓަލަށްވެސް ކުރިއެރުން ލިބިގެން ދާނެ" އާސިފް ވިދާޅުވިއެވެ.

އުނގޫފާރު ހޮސްޕިޓަލްގެ މެނޭޖަރ ހުސައިން އާސިފް ވިދާޅުވީ އެމްއާރްއައި ޚިދުމަތާއެކު އަތޮޅުތެރެއިން އިމަރޖެންސީކޮށް ގެންނަ ފަރާތްތަކުގެ ހާލަތު ދެނެގަނެވި އަވަސް ފަރުވާ ދެވޭނެ މަގު ފަހިވެގެން ދާނެކަމަށެވެ. އުންމީދަކީ މި ޚިދުމަތްތައް ވީހާވެސް އަވަހަށް ފެށި ރައްޔިތުންނަށް މިފަރުވާ ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.

އުނގުފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރި މުހިންމު ޚިދުމަތްތަކަކީ މިއަދު ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދިޔަ ޚިދުމަތްތަކެއްކަން އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. އެގޮތުން އެހޮސްޕިޓަލުން ފަށާފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ހިތުގެ ބަލިތަކު ފަރުވާއާއި މެމޯގްރަފީގެ ޚިދުމަތާއި، ސީޓީ ސްކޭންގެ ޚިދުމަތް ހިމެނެއެވެ. އަދި ދަތުގެ ފަރުވާ އާއި އީއެންޓީގެ ޚިދުމަތް ޒަމާނީ ވަޞީލަތްތަކާއެކު ވަނީ ފުޅާކޮށްފައެވެ.