ޚަބަރު

ވޭޕް ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގައި މަޖިލީހަށް ހުށަހަޅަނީ


  • ރާއްޖެއަށް ވޭޕް އެެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި

ވޭޕްކުރުމާއި ވޭޕް އެެތެރެކުރުން މަނާކުރުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ހަފްތާ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނޭކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއަށް ވޭޕް އެެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެނެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވ އަޅުގަނޑުމެންގެ ޅަދަރިންނާއި ޒުވާނުން އަދި ގައުމުގެ ހުރިހާ ރައްޔިތުންގެ ޙައްޤުގަ ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާކަމަށެވެ. އަދި ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ވާނީ ނިންމާފައިކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ.