ރ. އަލިފުށީގައި ޤާއިމްކުރާ ޓިވެޓް ސެންޓަރުގެ މަސައްކަތް ނިންމާ، އަންނަ އަހަރުގެ ކުރީކޮޅު ކިޔަވައިދޭން ފެށޭނެކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އަލިފުށީ ޓިވެޓް ސެންޓަރަކީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ތެރެއިން ތަރައްޤީ ކުރަމުންދާ ސެންޓަރެއްކަމަށެވެ.
އެގޮތުން ރ. އަތޮޅު ޓެކްނިކަލް އިންސްޓިޓިއުޓް ޕްރޮޖެކްޓްގެ %89 މިހާރު ނިމިފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތިދެއެވެ. މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ރ. އަލިފުށީގައި ޤާއިމުކުރާ މި ޓިވެޓް ސެންޓަރުގެ މަސައްކަތް ފުރިހަމަކުރެވި، ކިޔަވައިދޭން ފެށޭނެކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ކުރީކޮޅުކަމަށެވެ.
އެ ވުޒާރާއިން ވިދާޅުވީ ރ. އަލިފުށީގައި ޤާއިމުކުރާ ޓިވެޓް ސެންޓަރުގެ އިންސްޓިޓިއުޓް ބްލޮކްގެ އިމާރާތްކުރުމުގެ މަސައްކަތުގެ %95 ނިމިފައިވާކަމަށެވެ. މި މަރުކަޒަށް ބޭނުންވާ ފަރުނީޗަރާއި، ވޯކްޝަޕްތަކަށް ބޭނުންވާ އެކިކަހަލަ މެޝިނަރީސް/ޓޫލްސް އަދި އެހެނިހެން ތަޢުލީމީ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
މި ސެންޓަރުގައި، ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ޓިވެޓް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން "ޓްރާންސިޝަން 360" - ޓިވެޓް ސްޓޫޑެންޓް އިންކިއުބޭޝަން ޕްރޮގްރާމަކާއި، ދަރިވަރުން ކިޔަވާ ކޯސްތަކުގެ މޮޑިއުލްތަކުގެ އިތުރުން 30 ގަޑިއިރުގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.
މީގެ އިތުރުން މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައިބަރގްލާސް ބޯޓް ބިލްޑިންގ، އޮފީސް މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ، އިންފޮމޭޝަން ޓެކްނޮލޮޖީ މީގެ އިތުރުން ތަފާތު ޓެކްނިކަލް ވޮކޭޝަނަލް ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިމެނޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢު ފުރިހަމަވުމުން، ރ. އަތޮޅަށާއި މުޅި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއަށް ފާހަގަކޮށްލެވޭފަދަ ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. ރަށުން ބޭރުން ކިޔެވުމަށް އަންނަ ދަރިވަރުންނަށް މި ރަށުގައި ޤާއިމުވެ ތިބެގެން ތަޢުލީމް ހާޞިލްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެކަމަޑޭޝަން ބްލޮކެއްގެ މަސައްކަތްވެސް ކުރިއަށްދެއެވެ. މި ބްލޮކްގެ %80 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
މީގެ އިތުރުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ޚާއްޞަ ރިކްރިއޭޝަން ބްލޮކެއްގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ބްލޮކްގެ %75 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.