އިންޓަ-ޕާލަމަންޓްރީ ޔޫނިއަން، އައިޕީޔޫގެ 149ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ސުވިޓްޒަލެންޑުގެ ޖެނިވާއަށް ވަޑައިގެންފިއެވެ.
މި އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ޢަބްދުއްރަހީމް ސުވިޓްޒަލެންޑަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 13އިން 17 އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވެވަޑައިގަންނަވައެވެ.
ޢަބްދުއްރަހީމް އައިފީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަންނަވަނީ އެ ޖަމްޢިއްޔާގެ ރާއްޖޭގެ ގޮފީގެ ރައީސްގެ ހައިސިއްޔަތުންނެވެ. އައިޕީޔޫގެ ރާއްޖޭގެ ގޮފީގެ ރައީސާއި ނައިބު ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޚާއްޞަ ދެ މަގާމެވެ.
އައިޕީޔޫގެ ރާއްޖޭގެ ގޮތްޕަށް އިތުރު މެންބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
* ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް: ޚަޒާންދާރު
* ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ
* ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް
* މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
* ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހ\ީމް ނާޒިލް
* މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު