މިދިޔަ މަހު މީރާއަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާ އަޅާ ބަލާއިރު 4 ގުނަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ ސެޕްޓެމްބަރުމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން އެމަހުގެތެރޭ މުދަލު ޒަކާތުގެގޮތުގައިވަނީ 8.7 މިލިޔަން ރުފިޔާ ލިބިފައެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.8 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު %204 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރުމަހު ލިބިފައިވާ އަދަދަކީ 4 ގުނަ އިތުރު އަދަދެއްކަންވެސް ފާހަގަކޮށްލެވެއެވެ.
މި އަދަދުތަކާއެކު އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ވަނީ 82 މިލިޔަން ރުފިޔާ ލިބިފައެވެ. މި އަދަދަކީވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 70 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު، %17.1 އިތުރު އަދަދެކެވެ.
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އެންމެފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެންނަވާފައިވަނީ މިދިޔަ މެއިމަހުގެތެރޭގައެވެ. 10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާއެވެ.
މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައެޅުމުގައި ރާއްޖޭގައި ބަލަނީ ރަންރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ.
އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލު ކޮށްފައެވެ.