ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، 55 މޭލަށް ވައިގަދަވާނެ


  • އުތުރުން ފެށިގެން ލ.އަތޮޅަށް ހުދު ސަމާލު ވަނީ ނެރަފަ

  • ވައިގަދަވެ ކަނޑުތައް ގަދަވާނެ

  • މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

ވިއްސާރަވެ ވައިގަދަވާނެތީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ. ބައެއް ވަގުތުތަކުގައި 55 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ސަރަޙައްދުތަކަށެވެ. މެޓް އޮފީހުން ވިދާޅުވީ، މި ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެލަރޓް ނެރެފައިވަނީ މިއަދުގެ މެންދުރު 01:30 އާއި ހަމައަށެވެ.

ވޭތުވެދިޔަ ހަފްތާއިން ފަށައިގެން ރާއްޖެއަށް މޫސުންގޯވެ، މެޓު އޮފީހުން އަންނަނީ އެލަރޓްތައް ނެރެމުންނެވެ. ޚާއްސަކޮށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައެރުންވެސް އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 8 ފޫޓާ ދެމެދުގައެވެ.


ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފަވާއިރު، އާއްމުގޮތެއްގައި ވައިޖެހޭނީ 10 މޭލާއި 27 މޭލާ ދެމެދުއެވެ. އަދި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ލަފާކުރެއެވެ.

އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރެކޯޑްކޮށްފައިވަނީ ހދ. ހަނިމާދުއަށެވެ. އެރަށަށް 53.3 މިލިމީޓާރުގެ ވާރޭ ވެހުނުކަމަށް ރެކޯޑްކޮށްފައިވެއެވެ.