ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުޞޫލަށް ބަދަލު ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާޙު ހުށަހަޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާގޮތުގައި ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރު ވަނީ ބިލު ޑްރާފްޓްކޮށްފައެވެ. މި ބިލާއި ގުޅޭގޮތުން އެ ކޮމިޝަނާއި ސިޔާސީ ޕާޓީތަކާމެދު 2020 ވަނަ އަހަރުން ފެށިގެން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވި ގޮތުގައި ސިޔާސީ ޕާޓީތަކާބެހޭ ޤާނޫނަށް މައިގަނޑު ދެ އިސްލާހެއް ހުށަހެޅުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން، މިހާރު ޤާނޫނުގައި ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް 5 އަހަރުތެރޭ ބާއްވަން ޖެހޭގޮތަށް އޮތްނަމަވެސް ދިމާވެދާނެ ހާލަތަކަށް ބަލައި އެކަށީގެންވާ ސަބަބަކާއެކު ކޮންގްރެސް ލަސްކުރެވިދާނެގޮތަށް އިސްލާހުގައި ހިމަނުއްވާފައިވާ ކަމަށް ފުވާދު ވިދާޅުވިއެވެ.
މި އިސްލާހުގެ އިތުރުން ބަދަލު ގެނައުމަށް ނިންމާފައިވަނީ ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުޞޫލަށެވެ. މިހާރު ޤާނޫނުގައި އޮންނަ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރަން ޖެހެނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. ނަމަވެސް މިއީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށާއި އެ އުޞޫލު ބަދަލުވާންޖެހޭ ކަމަށް މީގެ ކުރިންވެސް ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ޑްރާފްޓްކޮށްފައިވާ ބިލުގައިވާގޮތުން ސިޔާސީ ޕާޓީތަކަށް ޚާއްސަކޮށްފައިވާ ބަޖެޓު 4 ބަޔަކަށް ބަހާލެވޭނެއެވެ. އެއީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ 3،000 މެންބަރުން ހަމަވާ ހުރިހާ ޕާޓީތަކާއި، 10،000 މެންބަރުން ހަމަވާ ޕާޓީތަކާއި، މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕާޓީތަކުގެ ކާމިޔާބީއެވެ.
ފުވާދު ވިދާޅުވިގޮތުގައި ބަޖެޓުގެ %25 ހާއްސަ ކުރާނީ ހުރިހާ ސިޔާސީ ޕާޓީތަކަށެވެ. އޭގެ އިތުރުން %25، 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ޚާއްސަކުރާއިރު މަޖިލިސް އިންތިޚާބުގައި ޕާޓީތަކުން ހޯދާ ކާމިޔާބީއަށް %30 އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ހޯދާ ކާމިޔާބީއަށް %20 ޚާއްސަކުރަން ޑްރާފްޓް ބިލުގައި ހިމަނުއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މިބިލަކީ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށްފަހު 4 އަހަރު ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާއި ޕާޓީތަކަށް ފާހަގަކުރެވުނު ކަންކަމަށް ބަލައި އެކުލަވަލާފައިވާ ބިލެއް ކަމަށް ފުވާދު ވިދާޅުވިއެވެ. މި ބިލާ ގުޅޭގޮތުން ޕާޓީތަކުގެ އިތުރު ވިސްނުންތައްވެސް ބަންޑާރަނައިބުގެ އޮފީހަށް ހުށަހަޅުއްވަން ނިންމަވާފައިވާކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
ފުވާދު ވިދާޅުވިގޮތުގައި އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ޑްރާފްޓް ބިލު މި ހަފުތާގެ ތެރޭގައި ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާނެއެވެ. އެއަށްފަހު ބަންޑާރަނައިބުގެ އޮފީހުން ފައިނަލް ޑްރާފްޓް ތައްޔާރުކޮށް ބިލުގެ މަސައްކަތް ކުރިއަށްގެންދިއުމަށް މަޖިލީހަށް ހުށަހަޅުއްވާނެއެވެ.