ޚަބަރު

ވައި ބާރުވެ، ކަނޑުތައް ގަދަވާނެތީ މުޅި ރާއްޖެއަށް ހުދު ސަމާލު


  • ސަމާލު ނެރެފައިވަނީ މިރޭގެ 12:00އާ ހަމައަށް

  • ވައިގަދަވުމުގެ އިތުރުން، އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ

މޫސުން ގޯސްވުމުގެ ސަބަބުން ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެެރެފައިވަނީ ހ.އ އަތޮޅުން ފެށިގެން އައްޑޫ ސިޓިއާއި ހަމައަށް، މިރޭ 12:00 ޖެހުމާއި ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ގަޑިއަކު 19 މޭލާ 24 މޭލަށް ވައި ގަދަވާނެކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށާއި އަދި ވައި ގަދަވާ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރަށް ނިކުތުމުގެ ކުރިން، ދުރާލާ މޫސުން އޮތްގޮތް ބެލުމާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ވައިގަދަވުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. މެޓް އޮފީހުން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރެވެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށެވެ. އެއީ 89.9 މިލިމީޓާރުގެ ވާރެއެވެ. ދެން އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ފުވައްމުލައް ސިޓީ، ލ.ކައްދޫ އަދި ލ.މާވަށެވެ.

އެންމެ ބާރަށް ވައިޖެހުނުކަމަށް ރެކޯޑްކޮށްފައިވަނީ ފުވައްމުލައް ސިޓީއަށެވެ. އެރަށަށް 44 މޭލު ބާރުމިނުގައި ވައިޖެހުނުކަމަށް ރެކޯޑްކޮށްފައިވެއެވެ.

ނިމުނު ހަފްތާއިން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެފައިވާއިރު، ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވެއެވެ. އެހެންނަމަވެސް މަޑުމަޑުން މޫސުން ރަނގަޅުވަމުންދާނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.