ޚަބަރު

ދިވެހި ކޮންމެ ދަރިވަރަކަށް އޭލެވެލްއަށް ކިޔެވޭނެ މަގު ފަހިކުރުމަށް މިދަނީ މަސައްކަތްކުރަމުން: ވަޒީރު ޑރ. ޝަފީޢު


  • މިދިޔަ އަހަރަށްވުރެ މިއަހަރު އޭލެވެލް ކިޔަވާ ދަރިވަރުން %77 އިތުރު

  • އޭލެވެލް ކިޔަވާ ދަރިވަރުން މުދައްރިސްކަން ކިޔެވުން މުހިންމު

ދިވެހި ކޮންމެ ދަރިވަރަކަށް އޭލެވެލްއަށް ކިޔެވޭނެ މަގު ފަހިކުރުމަށް މަސައްކަތްކުރަމުންގެންދަވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަނުން އިސްނަގައިގެން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ އޭލެވެލްއަށް ކޮންމެ ދަރިވަރަކުވެސް ކިޔެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. އަދި އޭލެވެލް ކިޔެވުމަށް ވަންނަ ކުދިންގެ އަދަދު އިތުރުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް ހެދި ހުރިހާ ދަރިވަރުންނަށް އޭލެވަލްއަށް ކިޔެވުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ނިންމަވާފައެވެ. މީގެ ކުރިން އޭލެވެލްއަށް ސަރުކާރުގެ ޚަރަދުގައި ކިޔެވޭނީ ވަކި އަދަދެއްގެ މާއްދާއަކުން ފާސްވާ ދަރިވަރުންނަށް އެކަންޏެވެ. މީގެ ސަބަބުން މަތީ ސާނަވީ ތަޢުލީމު ކިޔަވާ ދަރިވަރުންގެ އަދަދު މަދުވެއެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން މިދިޔަ އަހަރު އޭލެވެލް ކިޔަވަން ފެށި ދަރިވަރުންނަށްވުރެ މިއަހަރު އޯލެވެލް ނިމި އޭލެވެލް ކިޔަވަން ފެށި ދަރިވަރުންގެ ނިސްބަތް 77 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މަތީ ސާނަވީ ތަޢުލީމް ޙާސިލްކުރުމަށް ހުރި ސްކޫލްތައް މަދުވުމާއި ގިނަ ޖާގަ ނެތުން ކަމަށެވެ.

"އޭލެވެލްއާ ހަމައަށް ރަސްމީ ތަޢުލީމުގެ ނިޒާމުގެ ތެރެއިން ފުރުޞަތު ފަހިކޮށްދޭންޖެހޭ. އޭލެވެލްގެ ކޮންޓެންޓަކީ ފުރަތަމަ ޑިގްރީގެ ކޮންޓެންޓާ ވަރަށް ގާތް ކުރާ އެއްޗެއް. ކޮންމެވެސްވަރެއްގެ ފަރަޤެއް ހުރެދާނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ދެއްކެވި ވާހަކަފުޅުގައި އޭލެވެލްއަށް ކިޔަވާ ދަރިވަރުން މުދައްރިސްކަން ކިޔެވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން މުދައްރިސުންނަށް ވާންވާނީ އޭލެވެލް ކިޔަވާ ދަރިވަރުން ކަމަށާއި މޮޅު ޤާބިލް މުދައްރިސުން އުފެދޭނީ އޭރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މުދައްރިސްކަމަކީ ފުޅާ ދާއިރާއެއް ކަމަށާއި މުދައްރިސަކަށްވުމަށްފަހު އެހެން ދާއިރާއަކުންވެސް ކުރިއަށްދެވިދާނެ ކަމަށެވެ.

"މިސާލަކަށް ހިސާބުގެ ޢިލްމު ކިޔަވާފައި، އެ ކިޔަވާދީފައި މުސްތަޤުބަލުގައި ވެވިދާނެ ސްޓެޓިސްޓިކްޝަނަކަށް. ނޫނީ ހިސާބުން ޕީއެޗްޑީވެސް ހެދިދާނެ." ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަސް ދިމާވެފައިވަނީ ބަންދު ދުވަހަކާއެވެ. އެހެންކަމުން ގިނަ ސްކޫލްތަކުގައި މުދައްރިސުންގެ ދުވަސް ފާހަގަކޮށްފައިވަނީ ދެވަނަ ޓާމްގެ ކިޔެވުން ފެށުނު ދުވަހުއެވެ.

މުދައްރިސުންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ތަރުބިއްޔަތު ލިބިގެންވާ ޢިލްމުން މުއްސަނދި ދަރިންތަކެއް ބިނާކޮށް ތަރައްޤީކުރުމަށް އެމީހުން ކުރައްވާ ބުރަ، ޤައުމީ މަސައްކަތް ފާހަގަކުރުމެވެ.